އުސްފަސްގަނޑު ސިޓީ ކައުންސިލާއި ހަވާލުކޮށްފައި ވަނީ އެތަން ތަރައްގީ ކުރުމަށް ކަމަށާއި އަދި އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ހައުސިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އެތަން ސިޓީ ކައުންސިލާއި ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގައި ވާނެ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ ސިޔާސީ ހަރަކާތް ހިންގުމަށް އެމްޑީޕީ އާ ހަވާލުކޮށްފައިވާ، އުސްފަސްގަނޑު ހައުސިން މިނިސްޓްރީ އާއި ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާ ކުރާ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރްލް އަހުމަދު އުުޝާމް ވިދާޅުވީ އުސްފަސްގަނޑު މާލޭ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް ވެވުނު އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ ހައުސިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ފަރާތުންނާއި މާލޭގެ މޭޔަރު މައިޒާން އަލިމަނިކު ކަމަށެވެ.

އުޝާމް މިއަދު ވަނީ އެ އެއްބަސްވުމުގައި ހިމެނޭ ކަންތައް ޝަރީއަތަށް އިއްވާފަ އެވެ.

އެ އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑަކީ އާންމުންނަށް ވަދެވޭގޮތަށް އާންމު ބޭނުމަށް ހުސްކޮށް ބޭއްވުމަށް ކަނޑައަޅާފައިވާ ބިމަކަށް ވާތީ އެތަން ތަރައްގީ ކުރަންވާނީ އާންމުންނަށް ވަދެވޭގޮތަށް ކަމަށް ބުނެފައި ވެއެވެ.

އެ އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑުގައި ޖުމްލަ 800 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތް ކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންވާއިރު އެފަދަ އިމާރާތެއް ތިން މީޓަރަށް ވުރެ އުސްވެގެން ނުވަނެ ކަމަށް ބުނެފައި ވެއެވެ.

އެ އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑުގައި އިމާރާތެއް ކުރިކަމަށް ވިޔަސް އެ އިމާރާތް ބޭނުން ކުރަންވާނީ ފާޚާނާ، ޗޭންޖިން ރޫމް، ފެންވަރާތަން، ލުއިކާނާ ވިއްކާ ތަނެއް ނުވަތަ ބޯފެން ވިއްކާ ތަނެއްގެ ގޮތުގައެވެ.

އޭނާ ވިދާޅުވީ އެފަދަ ގޮތަކަށް އެއްބަސްވެ ސިޓީ ކައިންސިލާއި އެތަން ހަވާލުކޮށްފައި ވާއިރު އެތަން ހަވާލުކޮށްފައިވާ ފަރާތުން ވެސް އެތަން ބޭނުންކުރަން ވާނީ އެ އެއްބަސްވުމާއި އެއްގޮތަށް ކަމަށެވެ. އެތަން އެމްޑީޕީއާއި ހަވާލުކޮށްފައި ވަނީ ގަވާއިދާއި އެއްބަސްވުމާއި ޚިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ބަޔާނުގައި ސިޓީ ކައުންސިލުން ޚިލާފުވެފައި ވަނީ އެއްބަސްވުމުގެ ކޮން މާއްދާތަކަކާ ކަމާއި އަދި ގަވާއިދުގެ ކޮން މާއްދާތަކަކާ ކަން ވަނީ ފާހަގަކޮށްފައެވެ.

ސިޓީ ކައުންސިލްގެ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ ސިޓީ ކައުންސިލުން އެތަން އެމްޑީޕީއަށް ދިނީ ގަވާއިދާއި ޚިލާފަށް ކަމަށް ދައުލަތުގެ ދައުވާ އިން ސާބިތު ކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގަވާއިދާއި ޚިލާފަށް އެތަން އެމްޑީޕީއަށް ދިންކަމަށް ދައުލަތުން ބުނާއިރު އެތަން ހަވާލުކޮށްފައި ވަނީ ކޮން ގަވާއިދެއްގެ ކޮން މާއްދާ އަކާ ޚިލާފަށް ކަމަށް ސާބިތު ކުރަން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުލަތުން މިއަދު ހުށަހެޅި ބަޔާނަށް އަންނަ ހަފްތާގައި ޖަވާބުދާރީ ވުމަށް ސިޓީ ކައުންސިލަށް ފުރުސަތު ދިނުމަށް ފަހު އެވެ.