ގައިދީން އެކި ގޮތްގޮތުން މަސްތުވާތަކެއްޗާއި ފޯނުފަދަ ތަކެތި ޖަލަށް އެތެރެކޮށް އެތަކެތީގެ ބޭނުން ކުރުން އާންމުވެފައިވާ ކަމަށް، ޑީޕީއާރްއެސްއިން ބުނެފި އެވެ.

ޑީޕީއާރުއެސް ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ، މުހަންމަދު ފަޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖަލުތައް ބަލައި ފާސްކުރާއިރު މިހާރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދެ ތިން ފޯނު އަތުލެވޭ ކަމަށެވެ. ފަޔާޒު ވިދާޅުވީ މާލޭ ޖަލާއި މާފުށީ ޖަލަށްވެސް މަސްތުވާތަކެތި އެތެރެކުރަމުން ގެންދާ ކަމަށާއި އެގޮތަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރެވި އަދި ޖަލުގެ އޮފިޝަރުންނާއި މެދުވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"ގަވާއިދުން ސާޗް ކުރަމުން މިދަނީ، މާލޭ އަދި މާލޭ ޖަލަށް ވެސް ވަރަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހިފިފައި އެބަހުރި، މިކަން ކަމަށް ޝައްކުވާ އަށް އޮފިޝަރުންނާ ދޭތެރޭވެސް ގަވާއިދުން ފިޔަވަޅު އެޅިއްޖެ، އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކޮށް، އެކަން ތަކުރާރު ނުވާނެ ގޮތަށް މިހާރު އެކަންތައްތައް ވަނީ ކުރެވިފައި، ނަމަވެސް ގާނޫނީ ފިޔަވަޅެއް ނޭޅޭ، އިދާރީ ފިޔަވަޅެއް މި އެޅެނީ. އެއީ ރެޑް ހޭންޑްކޮށް ނުހިފޭތީ،" ފަޔާޒު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗަށްވުރެ ބޮޑަށް ޖަލުތަކަށް މިހާރު އެތެރެވަނީ ފޯނުފަދަ ތަކެތި ކަމަށް ފަޔާޒު ވިދާޅުވި އެވެ. އަދި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަނީ ޖަލުގައި މަސައްކަތްކުރާ މީހުން މެދުވެރިކޮށާއި ފާރުމަތިން ޖަލުތެރެއަށް އެފަދަ ތަކެތި އެއްލައިގެން ކަމަށް ފާހަގަވެފައިވާ ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.

"މާލޭ ޖަލުން އެކަނިވެސް އެބަހުރި ހަފުތާއެއް ތެރޭ 10 ފަހަރެއްގެ މަތިން އެފަދަ ތަކެތި
އެތެރެވަނިކޮށް އަތުލެވިފައި، އަދި މާފުށީ ޖަލުގައި އެއަށް ވުރެ ގިނައިން، އެ ހުރިހާ މައްސަލައެއް ވެސް ޕޮލިހުން ގަވާއިދުން ބަލަމުން ގެންދަނީ،" ފަޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ޖަލުގެ ގައިދީން ތިން ލެވަލްއަކަށް ބަހާލާފައިވާ ކަމަށާއި ގައިދީން މަސްތުވާތަކެއްޗަށް ވެސް ޓެސްޓްކުރަމުން އަންނަ ކަމަށެވެ. އެފަދަ ކަންކަން ހައްލުކުރުމަށް ޖަލުތަކުގެ ކެޕޭސިޓީ އިތުރުކޮށް މަރާމާތުކުރުމުގެ މަސައްކަތްތަކެއްވެސް ޖަލުގައި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން މާފުށީ ޖަލުގައި އިތުރު ތިން ބްލޮކް އެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ޖަލުގައި ހަލާކުވެފައި ހުރި ދެ ޔުނިޓެއް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"މަރާމާތުކޮށްގެން ވެސް 126 ޖާގަ އިތުރުކުރެވިއްޖެ، މިހާރު ކުރަމުންދާ މަރާމާތުން ގާތްގަނޑަކަށް އިތުރު 26 ވަރަކަށް ޖާގަ ލިބޭނެ، މާފުށީގެ މާސްޓާޕްލޭން ވެސް ހަދައި ޓެންޑާ ބޯޑާ ހިސާބުގައި އޮތީ،" ފަޔާޒު ވިދާޅުވި އެވެ. "މިގޮތުން މިކަންކަން ކުރީމަ ޖަލުތަކުގެ ސެކިއުރިޓީ ވެސް ރަނގަޅުވެ މައްސަލަތައް ހުއްޓުވޭނެ،"