02 Sep 2012, 11:40
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި ނަން ހުށަހަޅާ ފަރާތްތަކަށް އިނާމާބެހޭ މަޢުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވަން ހާއްސަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3.00ގެ ކުރިން ރައީސް އޮފީހުގައި ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބައްދަލުވުން ހޯމަ ދުވަހު ބާއްވާއިރު ރައީސް އޮފީހާ ގުޅައިގެން ވެސް ނަންނޯޓް ކުރެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދާ ފަރާތްތަކަށާއި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށާއި ބައިނަލްއަގްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދުދާފައިވާ ފަރާތްތަކަށާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލް ކޮށްފައިވާ ފަރާތްތަކަށާއި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދާ ފަރާތްތަކަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، އެ ކާމިޔާބީތައް 2007 ވަނަ އަހަރު ނުވަތަ އޭގެ ފަހުން ޙާޞިލްކޮށްފައިވާ އަދި އެކަމަކަށް ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ކުރިން ލިބިފައިނުވާ ފަރާތްތަކަށެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ކަމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހަޅުއްވާ ފޯމްތައް ފޮނުއްވަންޖެހެނީ ހާއްސަ އިނާމާބެހޭ ކޮމިޓީ އަށް އެޑްރެސް ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އެ ގޮތުން ފޯމް ހުށަހެޅުއްވުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 20 ވަނަ ދުވަހެވެ.