27 Jan 2026, 20:13
ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ ކަމަށާއި، މިހާތަނަށް އެ ބަލީގެ އެއްވެސް ކޭސްއެއް މި ގައުމުން ރިޕޯޓުނުކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މި މަހު އިންޑިއާގެ ވެސްޓް ބެންގާލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވް ތިން މީހަކު ވަނީ ފެނިފައެވެ. މީގެ ކުރީ އަހަރުތަކުގައި ނިޕާގެ ކޭސްތަކެއް އިންޑިއާއާއި އެހެން ގައުމުތަކުން ވެސް ފެނިފައިވެއެވެ.
އެޗްޕީއޭއިން ބުނީ، ވެސްޓް ބެންގާލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި 180އަށް ވުރެ ގިނަ މީހުން ދެނެގަނެވި އެ މީހުން މިހާރު ކަރަންޓުކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓީނު ކޮށްފައިވާ މީހުންގެ ހާލަތު ދަނީ އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ގާތުން ބަލަމުން ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން ބަލި ޖެހިގެން އިތުރު ކޭސްއެއް އަދާ ހަމައަށް ފެނިފައިނުވާއިރު، މި ކޭސްތަކާ ގުޅިގެން އިންޑިއާގެ އިތުރު އެހެން އެއްވެސް ސަރަހައްދަކުން އަދި އެހެން ގައުމަކުން އެ ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
"މި ވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަ ނަމަވެސް، މި އެޖެންސީން ދަނީ ހާލަތު މޮނިޓާ ކުރަމުންނެވެ. އަދި މި ބައްޔާ ގުޅޭ ގޮތުން އެއްވެސް ކޭސްއެއް އަދި ކޮންޓެކްޓުވި އެއްވެސް ފަރާތެއް މި އޭޖެންސީއަށް ރިޕޯޓުކޮށްފައިނުވެއެވެ." އެޗްޕީއޭއިން ބުންޏެވެ.
އެހެންނަމަވެސް، ބަލި ފެނިފައިވާ ވެސްޓް ބެންގާލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނާ ގުޅިގެން އެ އޭޖެންސީން ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ނިޕާ ވައިރަހަކީ ޓެރަޕޯސް އާއިލާގެ ވާލުންނާއި އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. މި ބާވަތުގެ ވާ ކައިފައިޗާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާއާއި ތަރުކާރީ ފަދަ ތަކެތި ބޭނުން ކުރުމުން އިންސާނުންނަށް ބަލި ފެތުރެއެވެ. އަދި ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
ބަލި ޖެހޭ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާލާބް އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރު ބަލި ބޮޑުވަމުންދާ ވަރކަށް ބައެެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުން، ނުވަތަ ފިޓު ޖެހުން ހިމެނެއެވެ. އެ ބަލި ޖެހޭ ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ވެސް ހިނގައިދާނެއެވެ.
އެ ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ނެތް ނަމަވެސް ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރެވެއެވެ.