ދުނިޔޭގެ ރެކޯޑް ފީއަކަށް ރެއާލް މެޑްރިޑަށް ގެނައި ބްރެޒިލްގެ މިޑްފީލްޑަރު ކަކާ ކުލަބުގައި ހުއްޓަސް، ނެތަސް ވަރިހަމަ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

"ކަކާ ޓީމުގައި ހުރިއްޔާ އަހަރެން އުފާވާނެ. އޭނާ ކުލަބު ދޫކޮށް ދާން ބޭނުންވިޔަސް އަހަރެން އުފާވާނެ. ކުޅުންތެރިއަކު ކުޅެން ބޭނުން ކޮންމެ ތަނެއްގައި ކުޅުމަކީ ފުޓްބޯޅައިގައި އާދައިގެ ކަމެއް،" މޮރީނިއޯ ބުންޏެވެ.

ރެއާލްގައި ކަކާ އަށްވުރެ ބޮޑަށް މޮރީނިއޯ އިސްކަން ދެނީ ޖަރުމަނުގެ މެސުޓް އޮޒިލް އަށެވެ. އަދި ކްރޮއޭޝިޔާގެ ލޫކާ މޮޑްރިޗް ގެންދިއުމުން ކުރިއަށްވުރެ ވެސް ބޮޑަށް ކަކާ އަށް ފުރުސަތު ލިބޭލެއް މަދުވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

"ކަކާ ކުލަބުގައި މަޑުކުރާނަމަ އެއީ ރަނގަޅެއް. އޭނާ ދާން ބޭނުންނަމަ އެއީ ވެސް މާ ރަނގަޅުގޮތެއް. އެކަމަކު އޭނާ ފްރީކޮށް ދޫކޮށްދާކަށް އަހަރުމެން ބޭނުމެއްނޫން. ކަކާ އަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. ވަރަށް ރަނގަޅަށް ކުޅެން އޭނާ ތައްޔާރުވާނެ. އަދި އޭނާގެ މެކްސިމަމްދޭނެ. އޭނާ ބޭނުންވާ ކުލަބުތަކުން ޖެހޭނީ އޭނާ ގަންނަން،" މޮރީނިއޯ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ކަކާގެ ކުޅުމަށް ނޭދެވޭ އަސަރުކުރީ އަނިޔާގެ ސަބަބުންނެވެ.