އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެތަނުގައި އެއްވެސް އިމާރާތެއް ނުކުރުމަށާއި އަދި އެތަން އިތުރު ފަރާތަކަށް ނުދިނުމުގެ އަމުރަކަށް ދައުލަތުން އެދިއްޖެ އެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވަގުތީ އަމުރު ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ބަންޑާރަ ނާއިބު އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެމްޑީޕީއަށް އެތަން ހަވާލު ކުރި މުއްދަތު ހަމަވުމުން އަނެއްކާވެސް އިތުރު މުއްދަތަކަށް ސިޓީ ކައުންސިލުން އެތަން އެމްޑީޕީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އުސްފަސްގަނޑު މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާއާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަން ދެން އެތާގައި އެއްވެސް އިމާރާތެއް ނުކުރުމަށާއި އިތުރު ފަރާތަކަށް އުސްފަސްގަނޑު ހަވާލު ނުކުރުމަށް މާލޭ ސިޓީ ކައުންސިލާއި އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތެއްގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދޭ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ވިދާޅުވީ ވަގުތީ އަމުރާ ގުޅޭގޮތުން އިތުރު ޝަރީއަތުގެ މަޖިލީހެއް އަންގާރަ ދުވަހު ބާއްވާނެ ކަމަށާއި އެދުވަހު އޮންނާނީ ސިޓީ ކައުންސިލުން ވަގުތީ އަމުރަށް ޖަވާބުދާރީ ވުން ކަމަށެވެ.

މިފަދަ އަމުރަކަށް އެދިފައިވާއިރު އުސްފަސްގަނޑުގައި ކޭމްޕް ޖަހައިގެން އުޅޭ އެމްޑީޕީން ވަނީ އެ ސަރަހައްދުގައި މިސްކިތެއް ވެސް ބިނާކޮށްފަ އެވެ.