02 Sep 2012, 11:24
މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ އިސް ލީޑަރުންނާއެކު ބާއްވާ މަޝްވަރާތައް، "ލީޑާޒް ޑައިލޮގް"ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަން ޝެޑިއުލްކޮށްފި އެވެ.
އެ ވާހަތަކުގައި ބައިވެރިވެ ވަޑައިގަންނަވައި އޮފިޝަލަކު މިއަދު ވިދާޅުވީ މަޝްވަރާ ބައްދަލުވުމަށް ދައުވަތު އަރުވާފައި ވަނީ މިއަދު ހަވީރު 4:00 އިން 6:00 ވެލާނާގޭ ދެ ވަނަ ފަންގިލާއަށް ކަމަށެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނީ، ދިވެހި ގައުމީ ޕާޓީން ލީޑަރު ރިޔާޒު ރަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި ޑީއާރުޕީގެ ފަރާތުން ލީޑަރު އަހުމަދު ތަސްމީން އަލީ އަދި ޕީޕީއެމް އިން ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު، އަބްދުﷲ ޔާމީނެވެ. ސަރުކާރު ތަމްސީލް ކުރާނީ ވާހަކަތަކަށް ރައީސް ކަޑައެޅުއްވި މަންދޫބު، ރައީސްގެ ޕޮލިޓިކަލް އެޑްވައިޒާ އަހުމަދު ތައުފީގު (ޓޯޕީ) އެވެ.
މީގެ ކުރިން އޯލް ޕާޓީ ޓޯކްސްގެ ނަމުގައި ކުރިއަށް ގެންދިޔަ ވާހަކަތައް، ލީޑާޒް ޑައިލޮގަށް ބަދަލުކޮށް އެ ވާހަކަތަކުގައި މަޖިލީހުގެ ހިމެނޭ ޕާޓީތަކުގެ ލީޑަރުން އެކަނި ބައިވެރި ކުރަން އެއްބަސްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕާޓީތަކުގެ ލީޑަރުންނާ އެކު ރައީސް ބަނޑޮހުގައި ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.
ރާއްޖޭގައި ހަމަޖެހުން ގާއިމުކުރުމަށް މިދިޔަ ފެބްރުއަރީ މަހު ފެށި އޯލްޕާޓީ ޓޯކްސްގެ ބައްދަލުވުމުންތަކުގައި ޕާޓީތަކަށް އެއްބަސްވެވިފައިވަނީ މަޝްވަރާކުރާނެ އެޖެންޑާއަކަށެވެ. މިއަދު ފަށާ ލީޑާޒް ޑައިލޮގްގައި ވެސް މަޝްވަރާ ކުރާނީ ކުރިން ވެސް އެޖެންޑާކޮށްފައިވާ މައްސަލަތަކާއި މެދުގަ އެވެ.
އެ މައްސަލަތަކަކީ ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމާއި ބަޖެޓްގެ ހާލަތާއި މިނިވަން މުއައްސަސާތަކުގެ މަގާމުތައް ބަދަލުކުރުމާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތަކާއި އަލަށް އުފަން ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ދެނެގަތުމާއި އަދި ރިޔާސީ އިންތިހާބުގެ ތާރީހަކަށް މަޝްވަރާ ކުރުމެވެ.