02 Sep 2012, 11:17
ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އެއްވެސް ފަރާތަކާ ދެން ސަރުކާރުން ވާހަކަ ނުދައްކާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ތިން ވަޒީރުންގެ ނިއުސް ކޮންފަރެންސްފައި މިނިސްޓަރު ޖަމީލް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޕާޓީ އަދި ބޭރުގެ ފަރާތްތަކުން ސަރުކާރު ބަދަލުވި ގޮތުގެ މައްޗަށް ވާހަކަ ދައްކަން ކިތަންމެ ވަރަކަށް ނަސޭހަތް ދިންނަމަވެސް އެކަން ސަރުކާރުން ދެން ގަބޫލު ނުކުރާނެ ކަމަށެވެ.
"އިތުރަކަށް [މިކަމުގައި] ދިވެހި ސަރުކާރަކުން ބަލާނެ ކަންތަކެއް ނޯންނާނެ. ވަރަށް ސާފުކޮށް މިދަންނަވަނީ އިތުރަކަށް މިކަމާ ގުޅޭ ގޮތުން [ވެރިކަން ބަދަލުވި ގޮތާއި ގުޅިގެން] ބައިނަލްއަގުވާމީ އިތުރު ފަރާތަކާއި ރައީސް ނަޝީދާއި އެމްޑީޕީއާއެކު އެއް މޭޒުދޮށެއްގައި އިށީނުމަށް ބައިނަލް އަގުވާމީ ފަރާތަކުން ދެން ދޭނެ ނަސޭހަތެއް ނޯންނާނެ! ސަރުކާރަކުން އެކަމެއް ކުރިއަކަށް ނުގެންދާނެ. އެއަކީ އަޅުގަޑުމެން ކުރާނެ ކަމެއް ނޫން އެވާހަކަތަ އެނިމުނީ،" ޖަމީލު ވިދާޅުވި އެވެ.
މިނިސްޓަރު ޖަމީލު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ހޯމްމިނިސްޓަރު ކުރައްވަންޖެހޭ ކަންކަން ކުރެއްވުމުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުގެ ތެރެއިން ފެންނަން ހުރި ކަންކަން ސާފުކޮށް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޯނީގެ ރިޕޯޓްގެ ސަބަބުން ރައީސް މުހައްމަދު ނަޝީދަކީ ދޮގު ހައްދަވާ ބޭފުޅެއްކަން ދުނިޔެ އަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އެ ރިޕޯޓުގެ ކުރިން ރައީސް ނަޝީދު ބޭރުގެ ގައުމުތަކަށް ވަޑައިގެން ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ބީބީސީ ހާޑްޓޯކް ފަދަ އެކިއެކި ފޯރަމް ތަކާއި ޖަލްސާ ތަކުގައި ކެނޑި ނޭޅި ގިނަ ވާހަކަތަކެއް ދެއްކިނަމަވެސް ކޯނީގެ ރިޕޯޓަށް ފަހު ރައީސް ނަޝީދަކީ ވަރަށް ބޮޑު ދޮގުވެރިއެއްކަން ދުނިޔެއަށް ހާމަވެފައިވާ ކަމަށެވެ.
"މިއަދާ ހަމައަށް އައިރު ރައީސް ނަޝީދު އެކި ތަންތަނަށް ވަޑައިގެން ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ވަރަށް ގިނަ ވާހަކަތައް ދެއްކެވި. ބީބީސީ ހާޑްޓޯކް ފަދަ ޑިމޮކްރަސީގެ އެކިއެކި ފޯރަމް ތަކާއި ކޮންޒަވޭޓިވް ޕާޓީގެ އެކިއެކި ޖަލްސާ ތަކުގައި ކެނޑި ނޭޅި މިވާހަކަތައް ދައްކަވަމުން ގެންދެވީ. އަދި އިސްތިއުފާ ދެއްވުމަށް ފަހު ވެސް އެކި ތަންތަނަށް ވަޑައިގެން ވިދާޅުވީ ތިމަން މަނިކުފާނަށް މަޖުބޫރުކޮށްގެން ބޮޑު ބަޣާވާތެއް ގެނެސްގެން އިސްތިއުފާ ދެއްވަން މަޖުބޫރު ކުރިއްޔޭ މިވަރަށް ދޮގު ހެއްދެވީ،" ޖަމީލު ވިދާޅުވި އެވެ.
އިތުރަށް ބީބީސީ ހާޑް ޓޯކް ފަދަ ޕްރޮގްރާމްތަކުގައި ދޮގުހެއްދެވުމަށް ރައީސް ނަޝީދަށް ދެން ފުރުސަތު ލިބިވަޑައި ގަންނަވާނެ ގަބޫލު ނުކުރައްވާ ކަމަށާއި ކޯނީގެ ރިޕޯޓުން އިތުރަށް ސާބިތުކޮށްދެނީ ރައީސް ނަޝީދު ރާއްޖޭގެ ގާނޫނު ތަކާއި ގަނޫނޫ އަސާސީ ވައިލޭޓް ކުރެއްވުން ކަމަށެވެ. އަދި އެމަނިކުފާނު ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެފައިވާ ކަން ވެސް ރިޕޯޓުން ހާމަކޮށްދޭ ކަމަށެވެ.
"އަޅުގަނޑުމެން މީގެކުރިން ވެސް އެ ވާހަކަތައް ކޮމަންވެލްތަށް އެވާހަކަ ހުށައެޅިން. ބައިނަލް އަގުވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް ހުށައެޅިން. ޖޫރިސްޓް އެކިއެކި ދިމަދިމާލަށް ހުށައެޅިން. އޭރު އެވާހަކަތައް އެވާހަކަތައް ބަލަމުން ދިޔައީ. އެހެންނަމަވެސް މިއަދު މިއޮތީ މިނިވަން މުސަތަގިއްލު ބައިނަލް އަގުވާމީ ފަރާތްތައް ހިމެނޭ ދުނިޔޭގެ މިނިވަން ގައުމުތަކުގެ ފަނޑިޔާރުންނާއި ވަކީލުން ތިއްބެވި ކޮމިޝަނަކުން އެކަން ކަނޑައަޅާފައި ގާނޫނުއަސާސީ އާއި ގާނޫނޫތައް ރައީސް ނަޝީދު ވައިލޭޓް ކޮށްފައޭ ވިދާޅުވެ" ޖަމީލު ވިދާޅުވި އެވެ.