ގައުމުތަކުގެ ދާހިލީ ކަންކަމާ ޗައިނާ ނުބެހޭ ކަމަށް ވިދާޅުވެ، ޗައިނާއިގެ ހާރިޖީ ސިޔާސަތަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތައުރީފު ކުރައްވައިފި އެވެ.

ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ސްޓޭޓް މީޑިއާ ޒިންހުއާ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ ނުފޫޒު ގަދަ އެހެން ގައުމުތަކާ ހިލާފަށް، ރާއްޖެ ފަދަ ކުދި ގައުމުތަކާގުޅޭ ބައިނަލް އަގުވާމީ މައްސަލަތަކުގައި ޗައިނާއިން ބަލަނީ ވަރަށް ތަފާތު ނަޒަރިއްޔާއަކުންނެވެ.

"ނުފޫޒު ގަދަ އެހެން ގައުމުތަކާ ހިލާފަށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކާ ގުޅޭ ބައިނަލް އަގުވާމީ މައްސަލަތަކުގައި ޗައިނާއިން ބަލަނީ ވަރަށް ތަފާތު ޔުނީކް) ނަޒަރިއްޔާއަކުން، ޗައިނާ މިހާރު އަންނަނީ ދުނިޔޭގެ ގަދަ ބާރަކަށް ވަމުން، ދުނިޔޭގެ ކަންކަމުގައި އެގައުމުން އަންނަނީ ފާހަގަކުރެވޭ ފަދަ ދައުރެއް އަދާކުރަމުން،" ރައީސް ވަހީދު ވިދާޅުވި ކަމަށް ޒިންހުއާ ނިއުސް އެޖެންސީގެ ލިއުމުގައި ވެއެވެ.

ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނާތީ ރައީސް ވަހީދު ވަނީ އެގައުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާއަކީ މިހާރު ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓްކަން ފާހަގަކުރައްވަިއ، އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޗައިނާއާ ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއާ ބެހޭ މައުލޫމާތު ޗައިނާގައި ފަތުރަން ޖެހޭ. ރާއްޖެއަށް ދަތުރުކޮށްފާނެ ފަދަ ޗައިނާގެ ދަތުރުވެރިންނަށް ރާއްޖެއާ ބެހޭ މައުލޫމާތު ދިނުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ޗައިނާއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުން މުހިއްމު ކަމަށާއި ދުނިޔޭގެ އެހެންގައުމުތަކެކޭ އެއްގޮތަށް ޗައިނާއާ ގުޅިގެން ރާއްޖޭގެ ވިޔަފާރީގެ ހަރަކާތްތައް އިތުރުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ޗައިނާ އަށް ވަޑައިގަތީ ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެގައުމުން ދިން ދައުވަތަކަށެވެ. ޗައިނާ ސަރުކާރުގެ ދައުވަތު ރައީސް ވަހީދުއަށް އެރުވީ މިދިޔަ ރޯދަމަހު ރާއްޖެ އައި ޗައިނާގެ މުސްލިމުންގެ ވަފުދެއްގެ އިސް ބޭފުޅުންނެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ޗައިނާގައި އޮންނަ " ޗައިނާ ޔޫރޭސިއާ އެކްސްޕޯ" އަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.