02 Sep 2012, 10:27
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހިފައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ފްރޮސެކިއުޓާ ޖެނަރަލް އޮފީހުން ހުޅުމާލެ ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ އެ ކޯޓުން ބަލައިގެންފަ އެވެ.
ހުޅުމާލެ ކޯޓަށް މީގެ ކުރިންވެސް ޕީޖީން ވަނީ އެ މައްސަލަ ވަނީ ވައްދާފަ އެވެ. ނަމަވެސް އެ މައްސަލައަކީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބެލެނެ މައްސަލައެއް ނޫން ކަމަށް ބުނެ ވަނީ ބޭރުކޮށްލާފަ އެވެ.
ނަމަވެސް ހުޅުމާލެ ކޯޓަށް އަލުން އެ މައްސަލަ ޕީޖީ އިން ހުށަހެޅީ އެ މައްސަލައަކީ ހުޅުމާލެ ކޯޓުން ބެލޭނެ މައްސަލައެއް ކަމަށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.
ހުޅުމާލެ ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ނަޝީދުގެ މައްޗަށް އުފުލާ ދައުވާގެ މައްސަލަ ޕީޖީ އިން އިއްޔެ އަލުން ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ މިހާރު ބަލައިގެންފައިވާ ކަމަށެވެ.
އިސް ގާޒީ، ރ. ހުޅުދުއްފާރު ބަހާރުގޭ، އަބްދުﷲ މުހައްމަދު، ސިފައިންގެ ތަމްރީނު މަރުކަޒު، ގިރިފުށީގައި ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ 16، 2012 ގައެވެ. އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ ނިންމަވާފައިވަނީ ކުރީގެ ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާ، މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސްފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.