ފެލިވަރުގެ މަސްކިރާބޯޓެއް ނުވަ މީހުންނާ އެކު ދަތުރު ކުރަމުންދަނިކޮށް ލ. އަތޮޅު މާމެންދޫގެ ބޭރު ފަރަކަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ ދަންވަރު 2:00 ޖަހަކަންހާއިރު ފަރަށް އެރީ ފެލިވަރުގެ "ރަންދި 20" ކަމަށާއި މާމެންދޫން އުތުރުން ހަތަރު މޭލު ބޭރުގައި އޮތް ފަރަކަށް ބޯޓު އުރުނު ހާދިސާގައި މީހަކަށް ގެއްލުން ނުވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެ ބޯޓްގެ ހުންގާނާ ގުޅިފައިވާ ހޮޅިއެއް ފަޅައިގެން ގޮސްފައިވާ ކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.

"ބޯޓް ފުން ކުރުމަށްޓަކައި ފެލިވަރުގައި ދުއްވާ އެހެން ބޯޓެއް މ. އަތޮޅުން އެ ސަރަޙައްދަށް ދިޔުމަށް މިހާރު ދަތުރުކުރަމުން ދަނީ. ކަފުޖެހުމަށް ސިފައިންގެ އެހީތެރިކަން މިވަގުތު ބޭނުން ނުވާކަމަށް ބޯޓުގެ ކެޕްޓަން ބުނެފައިވާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ތިބީ ތައްޔާރީ ޙާލަތުގައި" އެމްއެންޑީއެފްއިން ބުންޏެވެ.

އެ ބޯޓު ފަރަށް އަރާފައިވަނީ ލ. މާމެންދޫ ކައިރިން މަސް ކިރަން އެސަރަޙައްދަށް ނަގިލި ލައިގެން އޮއްވައި އައި ކޮޅިގަނޑެއްގައި ނަގިލި ކަހާލައިގެން ފަރަށް ލައްވެގެނެވެ.