25 Jan 2026, 23:59
މުޅި ރާއްޖެ ރަހުނުކޮށްފައި ބާއްވައިގެން ނުވަ ބިލިއަން ޑޮލަރު ލިބުނަސް އުފާވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ، ރާއްޖޭގެ އިގުތިޞާދީ ހާލަތަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން، ދައުލަތުގެ ދަރަނި "160،000 މިލިއަނަށް ވުރެ މިހާރު އިތުރުވާނެ" ކަމަށް ޔާމީން ވިދާޅުވިއެވެ.
އިންޓްރެސްޓު ޕޭމަންޓަށް ދައްކަން ޖެހޭ ފައިސާ ނުވަ ބިލިއަނަށް އަރާފައިވާކަން ފާހަގަކުރައްވައި، ޔާމީން ވަނީ، މިއަދު ރާއްޖޭން ސުކޫކެއް ވިއްކައިގެން ނުވަ ބިލިއަން ލިބުނަސް އުފާވާނެ ކަމަށް ވިދާޅުވެފައެވެ.
މުޅި ދިވެހިރާއްޖެ ރަހުނުކޮށްފައި ބާއްވައިގެން ނުވަ ބިލިއަނަށްވާ ޑޮލަރު އަޅުގަނޑުމެނަށް ލިބުނަސް އުފާވާނެ. މި އުޅެނީ އިންޓްރެސްޓަށް އަރާފައިވާ ފައިސާކޮޅު އެކަނި ނުވަ ބިލިއަން އެބަ އުޅޭ
އިންޓްރެސްޓަށް ބޮޑު އަދަދެއް ރާއްޖޭން ދައްކަން ޖެހޭއިރު، އިގުތިޞާދީ ސިގްނަލް ހުރީ ރަތަށް ވެފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެއިތުރަށް، ޔާމީން ވަނީ، ސްވިޒަލޭންޑުގެ ދާވޯސްއަށް ވަޑައިގެން އިގުތިޞާދީ ކަންކަމާ ގުޅުވައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަށް ނުސީދާ ރައްދެއް ދެއްވާފައެވެ.
އެފަދަ ވާހަކަތައް ދައްކާފައި، 'ކަންކަން' ފެނުމުން އެ ވާހަކަތައް ގަބޫލެއް ނުކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، އެ ކަމުގެ ހުރިހާ 'ގިލަންވެރިކަމެއް' އުފުލަން ޖެހެނީ ނިކަމެތި ރައްޔިތުންނަށް ކަމަަށްވާތީ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ހުރިހާ ވާހަކަތަކެއް ދައްކަވާފައި އެ ވިދާޅުވީ ކަންކަން މެނޭޖުކުރަން އެނގެޔޭ. މިހާތަނަށް ކޮން ކަމެއްހޭ މެނޭޖުކުރެވުނީ؟ ކަމެއް މެނޭޖުކުރެވުނު ނަމަ، ޑެތް ސާވިސް އިން ނުވަ ބިލިއަން ރުފިޔާއަށް އަރައިގެން ގޮސްގެން ނުވާނެ" ޔާމީން ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އަންނަ ރަމަޟާން މަހު ބޮޑުތަނުން ތަކެތީގެ އަގުތައް ބޮޑުވާނެ ކަމަށެވެ. އެހެންވެ، އެސްޓީއޯ މެދިވެރިކޮށް "އާފަލުކޮޅެއް" ގެނައުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސައްކަތް ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ކަމުން އެކަނި، އިގުތިޞާދީ މައްސަލަ ހައްލުނުވާނެ ކަމަށް ޔާމީން ގަބޫލުކުރައްވައެވެ.
އަޅުގަނޑުމެނަށް ފެނިގެން މި ދަނީ، ބޭރުގައި ފެންނަން ހުރި ހަމައެކަނި ދޮސްކޮޅު ނަގާފައި ހަމައެކަނި އެއަށް ފަރުވާ ކޮށްފައި އެތެރެއަށް އެންޓި ބަޔޯޓިކެއް ދެނީ. އޭރުން އެތެރޭގެ ފާރު ފަސޭހައެއް ނުވޭ. އަސްލު ހަމަ ބޮޑު މައްސަލަ އެތެރޭގައި އޮވެގެން އަނދަ އަނދާ މި އޮންނަނީ. މަތި މަތިން ކޮސްމެޓިކް ހައްލެއް މި ގެންނަނީ ކަންކަމަށް. އެއަކުން މި ކަންކަން ހައްލެއް ނުވޭ ދެއްތޯ
އެއާއެކު، އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ހަގީގީ އިގުތިޞާދީ ހާލަތު ކިޔައިދޭން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި، ދާވޯސް ފަދަ ތަންތަނަށް ދިޔުން ފަދަ ކަންކަން ބަލައިގަންނަން އުނދަގޫ ކަން ޔާމީން ފާހަގަކުރެއްވިއެވެ.