02 Sep 2012, 10:07
އެއްއަހަރާއި ހަތް މަސްދުވަހު ރާއްޖޭން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު ރައީސް މުހަންމަދު ނަޝީދު މާލެ ވަޑައިގަތީ 30 އެޕްރީލް 2005ގަ އެވެ. މިއީ ނަޝީދުގެ ފަހުގެ ސިޔާސީ ހަޔާތުގެ ފެށުމެވެ. މާލެ ވަޑައިގަތުމަށް ފަހު ނަޝީދު ގިނަ އެއްވުންތަކެއް ބާއްވައި އޭރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލެވި އެވެ. ނަތީޖާއެއްގެ ގޮތުން އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސިޔާސީ ޕާޓީ ހިންގުމުގެ ހުއްދަ އޭރުގެ ސަރުކާރުން ދިނެވެ. އެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކު އަދި އިންފަހަނައަޅައި ވަޑައިގެން ހިތްވަރު ގަދަ މަސައްކަތްތަކެއް ކުރެއްވީ ނަޝީދެވެ. އެކަމާއި ދެބަސްވާ މީހުން މަދުވާނެ އެވެ. އެމަނިކުފާނުގެ ސަޕޯޓުގެ އަސްލަކީ ވެސް އޭރު ޑިމޮކްރަސީއަށް ކުރެއްވި މަސައްކަތެވެ.
މިއީ ނަޝީދުގެ ފަހުގެ ސިޔާސީ ހަޔާތުން ތަންކޮޅެކެވެ. ޑިމޮކްރަސީގެ ޗެމްޕިއަނެއްގެ ގޮތުގައި ރައީސް ނަޝީދު ނުކުމެ ވަޑައިގަތް ހޯއްދެވި ސަޕޯޓް މިއަދުވެސް އޮތީ އެގޮތުގަ އެވެ. ނަޝީދާއި ރައީސް މައުމޫނަކީ އެންމެ ގިނަ ސަޕޯޓަރުން ތިއްބެވި ވަރުގަދަ ދެ ސިޔާސީ ލީޑަރުންނެވެ. އެއީ މިއަދުގެ ސިޔާސީ މައިދާނުގެ ހަގީގަތެވެ. އެ ދެ ސިޔާސީ ލީޑަރުންނަކީ މިއަދު ގައުމަށް ނަމޫނާ ދައްކަން ޖެހޭ ދެ ބޭފުޅުންނެވެ.
ނަމަވެސް ހަގީގަތް ފެންނަނީ އެއާ ދުރުކޮށެވެ. ކޯނީގެ ރިޕޯޓް ގަބޫލުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ މާކުރިން ކޮމަންވެލްތާއި ސަރުކާރާއި އެކު އެއްބަސްވެވަޑައިގެންފަ އެވެ. ކޮމަންވެލްތުންވެސް ބުނަމުން ގޮސްފައިވަނީ ކޯނީގެ ރިޕޯޓަށް ފަހު ރާއްޖޭގެ މަސްރަހަށް ފިނިކަން އައިސް ވެރިކަން ބަދަލުވީ ގޮތާއި މެދެ އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބޭނޭ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ހުންނެވި އެމްޑީޕީން އަދިވެސް އުޅެނީ މަގުމަތީގައި މުޒާހަރާގަ އެވެ. ކޯނީގެ ރިޕޯޓުން މުޅިން ސައްހަ ނޫން ކަމަށްބުނެ އެވެ. އެއީވެސް ނަޝީދުގެ ދިފާއުގައި އެމްޑީޕީއަށް ކުރަންޖެހިފައިވާ ކަމެކެވެ. އިދިކޮޅު ސިޔާސީ ލީޑަރުން ވިދާޅުވާ ގޮތުން ކޯނީގެ ރިޕޯޓާއެކު ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގައި ސިއްކަ ޖެހުނީ އެވެ. އެއީ އަމަލުކުރައްވަމުން ގެންދެވި ގޮތުންނެވެ.
"ކޯނީގެ ނަތީޖާ ނިމޭ ދުވަހު ހަގީގަތަކަށް ވެގެން ދާނީ ބޭރު ދުނިޔޭގައި ނަޝީދުގެ ސަޕޯޓް މުޅިން ގެއްލި، ހެއްދެވި އިތުރުފުޅުތައް ފަޅާއަރައި ދިވެހިންގެ ކުރިމަތީގައި އަގު ވެއްޓި، ފަލީހަތްވެ، އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެހާ ހިސާބުން ނިމި ސިއްކަ ޖެހުން. އެމްޑީޕީއަށް ޖެހޭނީ އެހެން ކޮންމެވެސް މަންޒިލަކަށް ދަތުރު ކުރަން. އެމްޑީޕީ އަށް ޖެހޭނީ ކޮންމެވެސް އެހެން ބޭފުޅަކު ހިޔާރުކުރަން. އެދުވަސް އަޅުގަނޑުމެނަށް ފެނިގެންދާނީ މާދަމާ ނޫން އަނެއް ދުވަހު،" ރައީސް ޑރ. މުހަންމަދު ވަހީދުގެ ޕޮލިޓިކަލް އެޓްވައިޒާ ޑރ. ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.
މިއަދު ހަގީގަތް އޮތް ގޮތަކީ ހަސަން ވެސް ވިދާޅުވާ ގޮތެވެ. ރައީސް ނަޝީދު ގިނަ ވާހަކަތަކެއް އަޑަށް ބާރުލައި ދައްކަވާއިރު އޭގެތެރެއިން ސާބިތުހިފޭ ވާހަކަތައް މަދެވެ. އަމަލުން ދައްކަވައި ކަންތައްތައް ވެސް މަދެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޯމަތިވާ އިރު ވެސް އުސްފަސްގަޑާއި، "ބާޣީން" ދޫކުރާކަށް އެ ޕާޓީން ހިތުވެސް ނުލައިހެން ހީވެ އެވެ. ނަމަވެސް ހިނގާ ކޮންމެ ސުކުންތަކީ ރިޔާސީ އިންތިހާބާއީ ގާތްކުރާނޭ ވަގުތުކޮޅެކެވެ. އެ ޕާޓީގެ ވެސް ވިސްނޭ ބައެއް ބޭފުޅުން އެބަ ތިއްބެވި އެވެ. ނަޝީދުގެ ވަށައި އެނބުރުމަށްވުރެ އެއަށް ވުރެ މުހިންމު ކަންކަން ހުންނެވިކަން އެބޭފުޅުންގެ ވާހަކަތަކުން ދޭހަވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ރީކޯ މުސާ މަނިކު ވިދާޅުވި ގޮތުގައި އެ ޕާޓީ އޮތީ އިހުލާސްތެރިކަމާ އެކު ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރާށެވެ. ވާހަކަދައްކައިގެން ގިނަ ކަންތައްތަކެއް ހައްލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީތަކުގެ އިހުލާސްތެރިކަމަށް ވެސް ބޭނުންވެ އެވެ.
ރީކޯ މޫސާ މަނިކުގެ ވާހަކައިން ވެސް އިނގެނީ ޒިންމާދާރު ސިޔާސީ ޕާޓީއަކަށް ވެސް ސިޔާސީ މަތި އުޑުގައި އުދުހެން ބޭނުންވާ ނަމަ މަގުމަތި ދޫކޮށް މަޝްވަރާގެ އުސޫލުން ކަންކަން ކުރަންވެއްޖެ ކަމެވެ. ގޮތްދޫނުކުރުމާއި ގަދަފައި ވިއްދުމުން ސިޔާސީ ލީޑަޝިޕެއް ނެތްކަން ރައީސް ނަޝީދު މިހާރު ގަބޫލުފުޅު ކުރަވަން ޖެހޭ ކަމެވެ.
ރިޔާސީ އިންތިހާބެއްގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު އެމްޑީޕީން ވެސް އެހެން ގޮތެއް އިހުތިޔާރު ކުރަން ޖެހެ އެވެ. އެއީ 2013ގެ ރިޔާސީ އިންތިހާބަށް ނުކުމެ ވޯޓު ފޮށިން ބާރު ހޯދުމެވެ. ޑރ. ހަސަން ވިދާޅުވާ ގޮތުން މިހާރު އަވަސް އިންތިހާބެއްގެ ވާހަކައިގެ ޖާގައެއްނެތެވެ. ދެން ވާހަކަ ދައްކަންވީ ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. ހަދަން ޖެހޭ ގާނޫނުތައް ހަދައި އުފަންކޮށް ގައުމަށްޓަކައި މަޝްވަރާގެ އުސޫލުން ކަމެއް ކުރުމެވެ.
"މިހާރު ޖަޒުބާތީ ދުވަސް އަދި އެކްޓިވިސްޓުން ރުއްސުމުގެ ދުވަސް ފަހަނަޅައި ދިޔައީ، މިހާރު އޮތީ ރައްޔިތުންނަށް ހެޔޮ އެދޭ މަސައްކަތްތަކެއް ކުރުމަށް ފަހު ރިއާސީ އިންތިހާބަށް މަސައްކަތްކުރުން،" ކަމަށެވެ.
އެއީ ސިޔާސީ މައިދާނުގެ ހަގީގަތް ކަމަށްވާއިރު ވަކި ސިޔާސީ ވެރިއެއްގެ އައްޑަނައަކަށް ވެއްޖަނަމަ އެމްޑީޕީއަށް ކީއްކުރަން ޕީޕީއެމްއަށް ވެސް ސިޔާސީ މައިދާނުން ޖާގަ ލިބުން ވަރަށް ހަނިވާނެ އެވެ. ރައީސް ނަޝީދުވެސް ވިސްނަންވީ އެ ވިސްނުމުންނެވެ. ގަބޫލުކުރައްވަންވީ އެ ހަގީގަތެވެ. އެމްޑީޕީއަށް ރައީސް ނަޝީދު ވެސް ގުރުބާން ކުރަން ޖެހިދާނެ އެވެ. އެކަންވެސް ކުރަން ޖެހިދާނެ އެވެ. އެއީ ރިޔާސީ އިންތިހާބަކަށް އެ ޕާޓީން އެހެން ގޮތްތަކެއް ރާވަން ޖެހިފައި ވުމެވެ.
ހޯމް މިނިސްޓާ ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވަނީ؛ "ރައީސް ނަޝީދުގެ ލީޑަޝިޕް ނެތޭ. މި ކަންކަމުގެ ގާބިލްކަމެއް ނެތޭ. އަހުލުވެރިކަމެއް ނެތޭ. ފަންނުވެރިކަމެއް ނެތް،" ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ އެއީ ރައީސް ނަޝީދު ކުރެއްވި ޣައިރު ގާނޫނީ އަމަލުތައް ކަމަށެވެ. މިހާރުގެ އަމަލުތައް ހުންނެވި ގޮތެވެ. ތާކުންތާކުނުޖެހޭ ކަމެއްގައި މުޒާހަރާ ކުރުމެވެ.
އެއީ ހަގީގަތްކަމަށް ވާނަ ރައީސް ނަޝީދުގެ އައްޑަނަ އަކަށް އެމްޑީޕީ ވުމުގެ މާނައެއްނެތެވެ. އެމްޑީޕީގެ މިއަދުގެ އަމާޒަކަށް ވާންވީ ޒިންމާދާރު ކަމާ އެކު 2013 އަށް ނުކުތުމެވެ. ނަޝީދު ފިޔަވައި އެހެން ގޮތްތަކެއް ހޯދުންވެސް އެއީވެސް އެމްޑީޕީން މާބޮޑަށް ވިސްނަންޖެހިފައިވާ އޮޕްޝަންއެކެވެ.