ކުރިއަށް އޮތް ރަމަޟާން މަހަށާއި ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި ސްޓެލްކޯއިން ރަށްރަށަށް ޖެންސެޓުތައް ގެންގޮސް ގުޅުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން 12 ރަށަކަށް ޖެންސެޓުތައް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަން ސްޓެލްކޯއިން ހާމަކުރީ މިދިޔަ ހޯމަ ދުވަހެވެ.

އޭގެ ފަހުން މި ވޭތުވެދިޔަ ދުވަސްތަކުގައި ސްޓެލްކޯއިން ވަނީ އެކި ރަށްރަށަށް ޖެންސެޓުތައް ގެންގޮސް ގުޅުމުގެ މަސައްކަތްކޮށްފައެވެ.

އެގޮތުންކ. ގުރައިދުއާއިއއ. ތޮއްޑުއާއި އެ އަތޮޅުގެއުކުޅަހަށްއެއް މެގަވަޓުގެ ޖެންސެޓުތައް ގެންގޮސް ގުޅައި ބޭނުންކުރަން ވަނީ ފަށައިފައެވެ. އެ ރަށްތަކުގެ އިތުރުންއއ. މަތިވެރިއާއިވ. ތިނަދުއަށް600 މެގަވަޓުގެ ޖެންސެޓުތައް ގެންގޮސް ގުޅައި، ބޭނުންކުރަން ފަށައިފައިވެއެވެ.

އޭގެ އިތުރުން މިމަހުގެ 14ވަނަ ދުވަހު ވިލިމާލެއަށް 1.2 މެގަވަޓުގެ ޖެންސެޓެއް ގެންގޮސް ގުޅައި، ބޭނުންކުރަން ފަށައިފައިވާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ސްޓެލްކޯއިން މީގެ ކުރިން 'ސަން'އަށް ބުނީ، 12 ރަށުގެ ތެރެއިން ހަ ރަށަކަށް 600 ކިލޯވޮޓުގެ ހަ ޖެންސެޓަކާއި ހަތަރު ރަށަކަށް 800 ކިލޯވޮޓުގެ ހަތަރު ޖެންސެޓަކާއި، ދެ ރަށަކަށް އެއް މެގަވޮޓުގެ ދެ ޖެންސެޓު ގެންދާނެ ކަމަށެވެ. އެކަމަކު އެއީ ކޮން ރަށްތަކެއް ކަން އެ ކުންފުންޏަކުން ހާމަ ނުކުރެއެވެ.

މިހާރު ވެސް ސްޓެލްކޯއިން އަންނަނީ މާލެ ހިމެނޭހެން 35 ރަށަކަށް ކަރަންޓުގެ ޚިދުމަތް ދެމުންނެވެ. އެއީ މާލެ އަތޮޅާއި އަރިއަތޮޅާއި ފެލިދެ އަތޮޅުގެ ރަށްރަށަށެވެ.

ސްޓެލްކޯއިން ބުނީ، ރަށްރަށަށް ޖެންސެޓުތައް ފޯރުކޮށްދިނުމުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، އާންމުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ރަމަޟާން މަހު ކަރަންޓު ބިލުތަކަށް ޑިސްކައުންޓު ދިންއިރު، ބިލުތައް ބޮޑުވެ، އެކަމުގެ ސަބަބުން އާންމުން ޝަކުވާކޮށްފައިވެއެވެ. އެގޮތުން ޑިސްކައުންޓާ އެކުވެސް ބައެއް ގޭބިސީތަކުން ކަރަންޓު ބޭނުންކުރި މިންވަރު ދެ ގުނަވެ، އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައިވެސް އާންމުން ހިއްސާކޮށްފައިވެއެވެ.

ސްޓެލްކޯއިން އޭރު ބުނީ، އާއްމު ގޮތެއްގައި ކޮންމެ ރަމަޟާން މަހަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ހޫނު މޫސުމާ އެކުއެކީހެން ރޯދަ މަސް އައުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ރަށްރަށަށް ޖެންސެޓް ފޯރުކޮށްދޭން ސްޓެލްކޯއިން ފެށިއިރު، ކުރިއަށް އޮތް ރަމަޟާން މަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާއަށްވުރެ ދަށުން ކަމަށާއި، ބިލުގެ ބާކީބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ވިދާޅުވެފައިވެއެވެ.