02 Sep 2012, 09:49
ގާހިރާ. މިސްރު: މިސްރުގެ ސީނާ ސަހަރާގައި އެގައުމުގެ ސިފައިންނާ ހަނގުރާމަކުރަމުންދާ ހަނގުރާމަވެެރިންގެ އިސް ލީޑަރަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
މިސްރު ސަރުކާރުން ބުނީ އެގައުމުގެ ފުލުހުންނާއި ސިފައިން ގުޅިގެން ސީނާ ސަހަރާގައި ރޭ ފަތިހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ހަނގުރާމަވެރިންގެ އިސްލީޑަރެއް ކަމަށްވާ ހަމްޒާ އަބޫ ޝީތާ އެވެ. އޭނާ އަކީ ކުރިން ޣައިރު ހާޒިރުގައި މިސްރުގެ ކޯޓަކުން މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ.
މިސްރުގެ އޮފިޝަލުން ބުނީ ސީނާ ސަހަރާ އިން ހަނގުރާމަވެރިންގެ ބާރު މުޅިން ކަނޑުވާލެވެންދެން މިސްރު ސިފައިން އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި އެ ހަރަކާތްތަކާ ބެހޭ ތަފުސީލު ރިޕޯޓެއް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށެވެ.
މިދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ސީނާ ސަހަރާގައި ހުރި މިސްރުގެ ސިފައިންގެ އައުޓް ޕޯސްޓަކަށް ހަނގުރާމަވެރިން ދިން ހަމަލާއަކާ ގުޅިގެން ފެށި އޮޕަރޭޝަންތަކުގައި މިހާތަނަށް ހަނގުރާމަވެރިންގެ ފަސް މީހުންނާއި ސިފައިންގެ 16 މީހުން ވަނީ މަރުވެފަ އެވެ.
މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިސްރު ސަރުކާރުން ފެތުރި މި ހަބަރަކީ ކުރީގެ ޖިހާދީން މެދުވެރިކޮށްގެން ސީނާ ސަހަރާގެ ހަނގުރާމަވެރިންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މިސްރުގެ ރައީސް މުހައްމަދު މުރުސީ މަސައްކަތްކުރައްވާ ކަމަށް ފެތުރިފައިވާ އަޑުތައް ހުއްޓުވުމަށް ފެތުރި ހަބަރެކެވެ.
"ސީނާ ސަހަރާ ސާފުވަންދެން އޮޕަރޭޝަންތައް ކުރިއަށް ދާނެ، އެކަން ކުރިއަށް ދާނެ ގޮތް ބިނާ ވާނީ އެސަރަހައްދުގެ ޖިއޮގްރަފީއާއި ބައެއް އެެހެނިހެން ކަންތައްތަކުގެ މައްޗަށް،" ރައީސް މުރުސީގެ ތަރުޖަމާނު ޔާސިރު އަލީ ވިދާޅުވި އެވެ. ( އެސޯސިއޭޓެޑް ޕްރެސް)