ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބޫޓާން ބަލިކޮށް ރާއްޖެއިން ފުޓްސަލްގެ ތާރީހުގައި ފުރަތަމަ ބައިނަލްއަޤްވާމީ ޓްރޮފީ ހޯދައިފިއެވެ.

ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ އެއް މެޗު ބާކީ އޮއްވައެވެ. އެއީ ސްރީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ތައިލޭންޑުގެ ބެންކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި ބޫޓާނާ ދެކޮޅަށް ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު ރާއްޖެއިން މުބާރާތުގެ ތަށި ކަށަވަރުކުރިއިރު، މިއީ ފުޓްސަލްގެ ރަސްމީ އިންޑޯ ޕިޗެއް ނެތް ރާއްޖެއަށް ބޮޑު ކާމިޔާބީއެކެވެ. ސަރަހައްދުގެ ގަދަބާރު ކަމަށްވާ އިންޑިއާ ވެސް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖެއިން ދަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބޫޓާން މެޗާ ކުރިމަތިލިއިރު ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ބޭނުންވީ ބާކީ ދެ ޕޮއިންޓެވެ. މި މެޗު ކާމިޔާބުކުރުމާއެކު ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެއަށް އެއްވަނަ މަގާމު ލިބޭއިރު، އެހެން ޓީމުތައް ތިބީ ރޭންކިންގައި ރާއްޖެއާ އަރާ ހަމަކުރެވޭ ވަަރަށްވުރެ ފަހަތުގައެވެ.

މުބާރާތުގައި މިހާތަނަށް ރާއްޖޭގެ ފިރިހެން ޓީމުގެ ނަތީޖާތައް

  • ރާއްޖެ 7-1 ޕާކިސްތާން

  • ރާއްޖެ 6-1 ބަންގްލަދޭޝް
  • ރާއްޖެ 5-0 އިންޑިއާ
  • ރާއްޖެ 2-1 ނޭޕާލް
  • ރާއްޖެ 3-1 ބޫޓާން

ދިވެހި ފުޓްސަލްގައި މިއީ ބޮޑު ކާމިޔާބީއެކެވެ. ސަރަހައްދީ މި ތައްޓާއެކު ރާއްޖޭގައި ފުޓްސަލްގެ މުސްތަގްބަލް އޮތްކަން މިވަނީ ހާމަވެފައެވެ.