އޮހާޔޯ (ސެޕްޓެމްބަރ2): އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ބަދަލުގައި އެހެން ބޭފުޅަކު އެމެރިކާގެ ރިޔާސަތަށް އިންތިޚާބުކުރުމުގެ ވަގުތު އަތުވެއްޖެ ކަމަށް އޭނާގެ ވާދަވެރިޔާ އަދި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މިޓް ރުމްނީ ވިދާޅުވެއްޖެވެ.

ރިޔާސީ ކޭންޕޭންގައި އޮހާޔޯ ސްޓޭޓަށް ވަޑައިގެން އޭނާ އަށް ތާއީދުކުރާ ފަރާތްތަކާ މުޚާތަބުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރުމްނީ ވިދާޅުވީ އޮމާބާ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢްދުތައް ފުއްދައި ދިނުމުގައި އޭނާ ނާކާމިޔާބުވެފައިވާ ކަމަށާއި އޮބާމާގެ ޒަޢާމަތުގައި އެމެރިކާ އަށް ކުރިއެރުން ލިބެމުންނުދާ ކަމުގަ އެވެ. އަދި އޮބާމާގެ ޒަޢާމަތުގައި އެމެރިކާގެ އިޤްތިސާދު ކުރިޔަށް ވުރެ ދަށަށްގޮސް ވަޒީފާނެތް މީހުންގެ މައްސަލައަށް ޙައްލެއް ލިބިފައިނުވާ ކަމަށް ރުމްނީ ވިދާޅުވި އެވެ.

"އޮބާމާވަނީ ވަޒީފާނެތް މީހުންގެ ޢަދަދު ވަރަށްބޮޑަށް ދަށްކުރުމަށް ވަަޢްދުވެވަޑައިގެންފާއި. ނަމަވެސް އޭނާގެ ވެރިކަމަށް ހަތަރު އަހަރު ފުރޭއިރު ވެސް އެމެރިކާގައި 23 މިލިޔަން މީހުން ވަޒީފާނުލިބިފައި އެބަތިބި" ރުމްނީ ވިދާޅުވި އެވެ.

ރުމްނީ ވިދާޅުވި ގޮތުގައި އަރިއަޅާލާފައިވާ އެމެރިކާގެ އިޤްތިސާދު އަލުން ނަގައި ކޮޅަށްޖެހުމުގެ ޕްލޭނެއް އޭނާގެ އަތުގައިވެ އެވެ. އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މިޕްލޭން ތަންފީޒުކޮށް އެމެރިކާގައި ވަޒީފާ ނެތް މީހުންގެ މައްސަލަ ވަރަށް ބޮޑަށް ޙައްލުކުރައްވާނެ ކަމަށް ރުމްނީ ވިދާޅުވި އެވެ. މިޕްލޭންގެ ދަށުން އަހަރެއްހާ ދުވަހުގެ ތެރޭގައި 12 މިލިޔަން ވަޒީފާ އުފެއްދޭނެ ކަމަށާއި މީގެތެރެއިން 460 ހާސް ވަޒީފާ އޮހާޔޫގެ ރައްޔިތުންނަށް ޚާއްސަވެގެންދާނެ ކަމަށް ރުމްނީ ވިދާޅުވި އެވެ.

ބޯޓުދެލި ނެގުމަށް މަޝްހޫރު އޮހާޔޫ އަކީ ރުމްނީއަށް އެންމެ ބޮޑު ތާއީދެއްލިބޭނެ ކަމަށް ބެލެވޭ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހުގަ އެވެ. ޚިޔާލު ހޯދުމުގެ ސަރވޭތައް ދައްކާގޮތުން ރައްޔިތުންގެ ތާއީދު ލިބުމުގައި އޮބާމާ އުޅުއް ވަނީ ރުމްނީއަށް ވުރެ ތަންކޮޅެއް ކުރީގަ އެވެ. (ރޮއިޓާސް)