ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މާލެތެރޭ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި 11 މީހަކު ހައްޔަރުކޮށް، ޓްރެފިކް ގަވައިދާ ހިލާފުވި 26 މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.

ކޯނީގެ ރިޕޯޓާއި ގުޅިގެން މާލެތެރޭ ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި 24 ގަޑިއިރު ތެރޭ 349 ވެހިކަލެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރެއިން އެއްޤަމު ދަތުރުފަތުރުގެ ޤާނޫނާއި ޚިލާފުވެގެން 26 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާއިރު، ދެ ވެހިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އޮޕަރޭޝަންގެ ސްޕޯކްސް ޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 49 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާއިރު، 101 ފަރާތަކާ ސުވާލުކޮށް، ހަތަރު މީހަކު ތަފާތު އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މާލެތެރޭ ހަމަނުޖެހުން ހިންގައި މަގުމަތީގެ އަމަން ނަގާލަން މަސައްކަތްކުރި 11 މީހަކު ހައްޔަރު ކޮށްފައިވާއިރު، 24 ގަޑިއިރު ތެރޭ ފުލުހުން ފައިމަގުގަޔާއި ވެހިކަލްތަކުގައި މާލެތެރެ ޕެޓްރޯލްކޮށް ގްރޫޕުތައް އޮންނަ ސަރަޙައްދުތަކުގައި ތިބި މީހުން ބަލައި ފާސްކޮށް މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ޗެކް ޕޮއިންޓްތައް ޤާއިމްކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 26 ވަނަދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގައި މާލޭގެ މަގުތަކުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި މަގުމަތީގެ އަމަން ގެއްލުވާލަން މަސައްކަތްކުރި 124 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހުންގެ ތެރޭ އޮގަސްޓް 26 ވަނަ ދުވަހު މާލޭތެރޭ ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހަކާއި އޮގަސްޓް 28 ވަނަދުވަހު ހައްޔަރުކުރި މީހަކާއި އޮގަސްޓް 29 ވަނަ ދުވަހު ހައްޔަރު ކުރި ފަސް މީހަކު ހިމެނޭ ކަމަށެވެ. އަދި އޮގަސްޓް 30 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި 82 މީހެއްގެ އިތުރުން އޮގަސްޓް 31 ވަނަދުވަހު 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހުންގެ ތެރެއިން 97 މީހަކު ކޯޓު އަމުރެއްގެ ދަށުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 19 މީހުން ކަމަށް ފުލުހުން ބުނެ އެވެ.