01 Sep 2012, 22:26
ހޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ސިލްވެސްޓަރ ސްޓެލޯންގެ ފިރިހެން ދަރިފުޅު ސޭޖް ސްޓެލޯން މަރު ވީ ގުދުރަތީ މަރަކުން ކަމަށް ކޮރޯނަރު ކަނޑައަޅުއްވައިފިއެވެ. ލޮސްއެންޖަލީސްގެ ކައުންޓީ ކޮރޯނަރާ (މަރު ތަހުގީގު ކުރާ ޑޮކްޓަރާ) ހަވާލާ ދީ މީޑިޔާއިން ހާމަ ކުރާ ގޮތުގައި، ސޭޖް ސްޓެލޯން މަރު ވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން، ގުދުރަތީ މަރަކުންނެވެ.
އޭނާގެ ހޮލީވުޑު ގޭގައި މި އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު، ސޭޖް މަރުވެފައި އޮއްވައި ފެނުނީ އޭނާގެ މުއައްޒަފަކަށާއި ތިމާގެ މީހަކަށެވެ. އެގެއިން ބޭސް ފުޅިތަކެއް ފެނިފައި ވުމާއެކު، އެ ފުޅިތަކުގައި ހުރި ބޭހާއި އޭނާގެ މަރާ ގުޅުމެއް އޮތް ތޯ އޭރު ދިޔައީ ސުވާލު ކުރެވެމުންނެވެ. އެހެންނަމަވެސް އުމުރުން 36 އަހަރުގެ ސޭޖްގެ މަރާއި އެ ބޭސްތަކާ އެއްވެސް ގުޅުމެއް ނެތް ކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ.
ޓޮކްސިކޮލޮޖީގެ ނަތީޖާގައި ވާ ގޮތުން ސޭޖް ބޭނުން ކޮށްފައި ވަނީ ސެޑޭޓިވެއް ކަމުގައި ވާ ހައިޑްރޯކޯޑޯންގެ ވަރަށް މަދު މިންވަރެކެވެ. މި ނޫން އެހެން އެއްވެސް ބޭހެއްގެ އަސަރު އޭނާގެ ހަށިގަނޑުން ފެނިފައި ނުވާތީ، ކޮރޯނަރު ނިންމެވީ އޭނާ މަރު ވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށެވެ.
ސޭޖް ސްޓެލޯންގެ މި ކުއްލި މަރުގެ ސަބަބުން އާއިލާއަށާއި ރައްޓެހީންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. ސޭޖްގެ ބައްޕަ ސިލްވެސްޓަރ ސްޓެލޯން ބުނެފައި ވަނީ "ތިމާ ދުނިޔޭގައި ހުރެ ތިމާގެ ދަރިއަކު މަރު ވުމަށް ވުރެ ބޮޑު ހިތާމައެއް އެއްވެސް މީހަކަށް ނުލިބޭނެ" ކަމަށެވެ. ސޭޖްގެ ކުއްލި މަރާ ގުޅިގެން ސިލްވެސްޓަރ ސްޓެލޯން ވަނީ، އޭނާގެ އާ ފިލްމު "ދަ އެކްސްޕެންޑެބްލްސް 2" ގެ އިޝްތިހާރީ ހަރަކާތްތަކުގައި ބައިވެރި ވުން ވަގުތީ ގޮތުން ހުއްޓައިލައިފައެވެ.
ސޭޖް މޫންބްލަޑް ސްޓެލޯން އަކީ ސިލްވެސްޓަރ ސްޓެލޯންގެ ދޮށީ ދަރިފުޅެވެ. އޭނާ ވަނީ ފިލްމު "ރޮކީ ވީ" އަދި "ޑޭއިލައިޓް" މި ދެ ފިލްމުގައި އޭނާގެ ބައްޕައާއެކު ހަރަކާތްތެރި ވެފައެވެ.
ކޮރޯނަރުގެ ނިންމެވުމާ މެދު ސިލްވެސްޓަރ ސްޓެލޯންގެ ވަކި ހާއްސަ ކޮމެންޓެއް ނެތް ކަމަށް އޭނާގެ ތަރުޖަމާނާ ބުނެއެވެ.