01 Sep 2012, 18:25
ފެބްރުއަރީ ހައެއް ހަތެއް އަދި އަށްވަނަ ދުވަހު ހިނގައިދިޔަ ހާދިސާތަކާ ގުޅޭ ގޮތުން ފުލުހުންނާއި މެދު އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓާއި ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގައި ދައުލަތުގެ ތިން ވަޒީރުން ދެއްވި ޕްރެސް ކޮންފަރެސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖަމީލު ވިދާޅުވީ ކޯނީގެ ރިޕޯޓުން ފާހަގަވެފައިވަނީ ވެރިކަން ބަދަލުވީ ކަންކަމާއި ގުޅޭ ގޮތުން ރާއްޖޭގެ އެއްވެސް ފަރުދެއްގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ވާނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅން ޖެހެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކަމަށާއި ފެބުރުއަރީ ހައެއް އަދި ހަތެއްގައި ދިމާވި ކަންކަމުގެ ޒިންމާ އުފުލަން ޖެހޭނީ ނަޝީދު ކަމަށެވެ.
"މިރިޕޯޓުގައި އެއްވެސް ތަނެއްގައި އެއްވެސް ހާލެއްގައި ފާހަގަކޮށްފައެއް ނެތް އެއްވެސް ފަރާތަކުން ޒިންމާ ނަގަންޖެހޭ ކަމުގެ ވާހަކައެއް. ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ފެބްރުއަރީ ހަވަނަ އަދި ހަތް ވަނަ ދުވަހުގެ ހިނގައިދިޔަ ކަންކަމުގެ ޒިންމާ އުފުލަން ޖެހޭނީ ރައީސް ނަޝީދު. އެއީ އޭރު ވެރިކަމުގައި ހުންނެވީ އެބޭފުޅާ ކަމަށްވާތީ، 8 ވަނަ ދުވަހަކީ އަދި މުޅިން ސަރުކާރު އެކުލަވާލައި ވަޒީރުންގެ މަޖިލިހެއް އޮތް ވަގުތެއް ނޫން އެހެންކަމުން ކޮމިޝަނުގެ ރިޕޯޓުގައި އޮތީ ފުލުހުންގެ ފަރާތުން ކަމެއް ހިނގައިފިނަމަ އެކަމެއް ބަލަން ޖެހޭނީ ކަމާއި ގުޅޭ ފަރާތުން ކަމަށް،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ ރިޕޯޓުގައިވާ ކަންކަމަށް ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ކަމެއް ނޫން ކަމަށާއި ފުލުހުން އެއްވެސް ކަމެއް ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކުރާކަން ސާބިތުވެއްޖެނަމަ އެކަން ބަލާނީ ޕޮލިސްއިންޓަގްރިޓީ ކޮމިޝަނުން ކަމަށާއި އަދި ރިޕޯޓާއި ގުޅިގެން ޖިނާއީ އެއްވެސް ދައުވާއެއް ކުރާނަމަ ކުރާނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށެވެ. އެހެންކަމުން ރިޕޯޓާއި ގުޅިގެން ފުލުހުންގެ މައްޗަށް އިތުރަށް އަޅާނެ ފިޔަވަޅެއް އޮތްކަމަށް ސަރުކާރުން ދެކިވަޑައިނުގަންނަވާ ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"ކޯނީގެ ރިޕޯޓަށް ބަލާއިރު ފެބްރުއަރީ 7،6 އަދި 8 ގެ ކަންތައް ދިމާވީ ގާނޫނު އަސާސީއާ ހިލާފަށް ސަލާމަތީ ބާރުތަކަށް ކުރެއްވި އަމުރުތަކުގެ ސަބަބުން . އަދި އެއީ ނަޝީދުގެ އިހުމާލުން ހިނގި ކަންތައްތަކެއް ސަރުކާރެއްގެ ހައިސިއްޔަތުން އޭގެ ޒިންމާ ފުރިހަމަ ގޮތުގައި ނަންގަވަން ޖެހޭނީ އެ މަނިކުފާނު ސަރުކާރަކުން ދެން މިރިޕޯޓާއި ގުޅޭގޮތުން އަޅާނެ ފިޔަވަޅެއްނެތޭ. ކަމާ ބެހޭ ރެލަވަންޓް އޮތޯރިޓީ ތަކުން އެފިޔަވަޅު އަޅާނީ އެރި ޕޯޓުގައި ބަޔާން ކޮށްފައި އޮތީވެސް އެ އޮތޯރިޓީތަކުންނޭ ފިޔަވަޅު އަޅާނީ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ފެބުރުއަރީ ހަވަނަ ދުވަހާއި ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހު ފުލުހުން ގާނޫނާއި ހިލާފަށް ކަމެއް ކޮށްފައިވާނަމަ އެކަން ބެލުމަށް ނުވަތަ ޒިންމާ އަދާކުރަންޖެހޭ އެހެން މުއައްސަސާތައް ހުރި ކަމަށާއި އެ ހާދިސާ ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކޮށްފައިވާއިރު އެ ހާދިސާގެ ފައިލް މިހާރު ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ޕީޖީ އަޅުއްވާނެ ކަމަށެވެ.
"ފެބުރުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ކޮށްފައިވާ ކަންކަމުގެ ރިޕޯޓުގައި އެބައޮތް ފާހަގަކޮށްފައި ގާނޫނު އަސާސީއާއި ގާނޫނާއި ހިލާފަށް ރައީސް ނަޝީދު ދެއްވި އަމުރެއްގެ ސަބަބުން ކަމަށް ހެދިގޮނޑު ދޮށުގައި މައްސަލަ ކަންކަން ހިނގައި ދިޔަ ކަމަށް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ. "ޖަމީލު އެވިދާޅުވާ އެއްޗަކީ މިކަހަލަ ގާނޫނު އަސާސީ އާއި ގާނޫނޫތަކާއި ހިލާފަށް ކުރާ އެފަދަ އަމުރު ތަކުގެ ސަބަބުން ޔުނީފޯމް މުއައްސަސާތަކުގައި ހިންގާ ކަންތައްތަކާއި އޭގެ ސަބަބުން ލިބޭ ގެއްލުން ތަކުގެ ޒިންމާ ފުރިހަމައަށް އުފުލަން ޖެހޭނީ މި އަމުރު ދިން ފަރާތުންނޭ، އެއީ މީގެ ގާނޫނީ ހުކުމަކީ،"
ބަންޑާރަ ނައިބު ވިދާޅުވީ 8 ފެބުރުއަރީ ހާދިސާގެ ތަހުގީގުތައް ހިއުމަން ރައިޓްސް އިން ނިންމާފައިވާ ކަމަށާއި އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވެސް އެ ތަހުގީތުތައް ކުރިއަށް ގެންދާއިރު ސަރުކާރުގެ ނުފޫޒެއް އެފަރާތްތަކުގެ މައްޗަށް ނުފޯރުވާނެ ކަމަށާއި އެފަރާތްތަކުން އެރިޕޯޓް ޕީޖިއަށް ފޮނުވުމުން ދައުވާ ކުރެވެން ހުރިކަންތަކާއި މެދު ޕީޖީ ދައުވާ އުފުލާނެ ކަމަށެވެ.
އާޒިމާ ވިދާޅުވީ ކޯނީގެ ރިޕޯޓާއި އަދި އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ ހިންގުމުގެ ތެރެއިން އިސްލާހުކުރަން ޖެހޭ ކަންކަން ފާހަގކޮށްފައިވާ ކަމަށާއި އެފަދަ ކަންކަން ދައުލަތުގެ ފަރާތުން އިސްލާހު ކުރާނެ ކަމަށެވެ.