ރާއްޖޭގެ ވެރިކަން މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓް އާއްމުކޮށް، ކޮމަންވެލްތާއި އެމެރިކާ އަދި އދ. އިން އެރިޕޯޓަށް މަރުހަބާ ކީތާ ދެ ދުވަސް ފަހުން އިނގިރޭސިވިލާތުން ވެސް އެރިޕޯޓަށް މަރުހަބާ ކިޔައިފި އެވެ.

ރިޕޯޓަށް މަރުހަބާ ވިދާޅުވަމުން އިނގިރޭސި ފޮރިން އޮފީސް މިނިސްޓަރު އެލިސްޓެއާ ބާޓް ވިދާޅުވީ އުނދަގޫ މައްސަލަތައްް ސުލްހަވެރިކަމާ އެކު ހައްލުކުރަން ހުރިހާ ޕާޓީތަކުން މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށާއި ފާއިތުވި ދެ ތިން މަސް ދުވަސްތެރޭގައި ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކާއި ކޯނީގެ ރިޕޯޓާ ގުޅިގެން އެކި ފަރާތްތަކުން އަމަލުކުރި ގޮތަކީ ރާއްޖެއަކީ އާ ޑިމޮކްރެސީއެއް ކަން ހަނދާންކޮށްދޭ ކަމެއް ކަމަށެވެ.

"ރާއްޖޭގައި ޑިމޮކްރަސީއާއި މުއައްސަސާތައްް ހަރުދަނާ ކުރުމާއި ޝަރުއީ ނިޒާމު ތަރައްގީކުރުން ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ވަނީ ލިބިފައި. މިހާރު އަހަރެމެން ގޮވާލަނީ މިނިވަން އިންސާފުވެރި އިންތިހާބެއްގައި ވާދަކުރުމަށް ޕާޓީތަކުގެ މަޝްވަރާތަކުގެ ތެރެއިން މަސައްކަތް ކުރުމަށް،" އެލިސްޓެއާ ވިދާޅވެފައިވެ އެވެ.

އަދި އެފަދަ މަސައްކަތަކަށް އިނގިރޭސިވިލާތާއި އެގައުމުގެ ބައިނަލް އަގުވާމީ ބައިވެރިން ތާއީދުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.