ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު އިބްރާހީމް މަގާމުން ވަކިކޮށްފިއެވެ.

'ސަން' އަށް މައުލޫމާތުދެއްވައި ހޯމް މިނިސްޓްރީގެ ސްޕޯކްސްޕާސަން ފާތިމަތު ރިފާތު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

ރިފާތު ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެ މަގާމުން އަބްދުލްމަޖީދު ވަކިކުރެއްވިއިރު، ހުންނެވީ ފޮރިން މިނިސްޓްރީގެ ދަށުގައި ބިދޭސީންގެ ކަންކަން ބަލަހައްޓާ ފޮރިން ލޭބާ ޑިޕާޓްމަންޓާއި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެއެވެ.

މިހާރު ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން އެ މިނިސްޓްރީގައި ތިއްބަވަނީ ހަ ސްޓޭޓް މިނިސްޓަރުންނާއި، 19 ޑެޕިއުޓީ މިނިސްޓަރުންނެވެ.