01 Sep 2012, 17:40
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ ކަމާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ކަމުގެ މަގާމު ފުރުއްވި އަމީން ފައިސަލް ފުލުހުން އޭނާގެ މައްވަށް ކުރާ، ފުލުހެއްގެ ގައިގައި ޖެހިކަމަށް ކުރާ ތުހުމަތަށް އިންކާރުކޮށްފި އެވެ.
ފުލުހުންގެ އިދާރާ އަށް އަމީން ހާޒިރު ކުރީ ރޭ 9 ޖެހި އިރު އެވެ.
އަމީން ފައިސަލް މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފުލުހުންގެ އިދާރާާ އަށް ހާޒިރުކޮށް ސުވާލުކުރީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ފުލުހެއްގެ ގައިގައި ޓްރޭޑާސް ހޮޓެލް ކައިރިން ޖަހައި މާރާމާރީ ހިނގާފައިވޭތޯ ބެލުމަށް ކަމަށެވެ. ނަމަވެސް ފުލުހުން ކުރި އެ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި އެ ތުހުމަތުތައް ދޮގުކޮށް ބަޔާނެއް ދެއްވާފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ އިން އަމީން އަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ މާރާމާރީއެއް ހިންގި ކަމަށް ޝައްކުކުރެވޭތީ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް އަމީން ވިދާޅުވި އެވެ.
"މުޒާހަރާ ކުރި އިރު ފުލުުހެއްގެ ގައިގައި ޖެހި ކަމަށް ފުލުހުން ތުހުމަތު ކުރަނީ. ނަމަވެސް އަޅުގަނޑު ބުނިން އަޅުގަނޑަކީ މީހެއްގެ ގައިގައި ދުވަހެއްގައި ވެސް ޖެހިމީހެއް ނޫނޭ. އެހެންވެ އެއީ އަޅުގަނޑު ނުކުރާ ކަމެއް ކަމަށް ބުނެ ބަޔާނެއް ދީފައިވާ ނީ،" އަމީން ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުން ބަލަމުން ގެންދާ މައްސަަލައަކާ ގުޅިގެން އަމީން ފައިސަލަށް ފޮނުވި ޗިޓަށް އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެން ބަޔާނެއް ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.