01 Sep 2012, 17:08
ޑިފެންސް މިނިސްޓަރާއި އަދި ސިފައިންނާ ދިމާލަށް ބާޣީއޭ ގޮވާ މީހުންގެ މައްސަލަ ޝަރީއަތަށް ހުށައަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީގެ) ރިޕޯޓާ ގުޅިގެން އެކި ފަރާތްތަކުން ދައްކާ ވާހަކަތާކާ ގުޅޭ ގޮތުން ބަންޑާރަނައިބު އާޒިމާ ޝަކޫރާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު މިއަދު ރައީސް އޮފީހުގައި ދެއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމު ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ސިފައިން ބަޣާވާތެއް ކުރިކަމަށް ބުނެފައި ނުވާ ކަމަށާއި ނަމަވެސް ސިފައިން ބަޣާވާތެއް ކުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވަނީ ހަގީގަތާ ހިލާފަށް ކަމަށާއި ސިފައިންނާ ދިމާލަށް ބާޣީންނޭ ގޮވާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ.
"ވޭތުވެ ދިޔަ ހަ މަސް ދުވަހު ސިފައިންނޭ ކިޔައިގެން ރައީސް ނަޝީދު ހައްދަވަމުން ގެންދިޔައީ އިތުރުފުޅެއް. އިއްޔެ ރައީސް ނަޝީދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސިފައިންނާ ގުޅޭ ގޮތުން ތަފާތު އިތުރު ފުޅުތަކެއް ހައްދަވާފައި އެބޮތް. އެގޮތުން އެ ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ސިފައިން ބަޣާވާތެއް ކުރިކަމަށް. ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މިފޮތުގައި އެފަދަ އެއްވެސް ކަމެއްގެ ވާހަކަ ބަޔާން ކޮށްފައި ނުވާ ކަމަށް. އަދި މިފޮތުގައި[ރިޕޯޓުގެ] އެއްވެސް ތަނެއްގައި ސިފައިން ބަޣާވާތެއް ކުރިކަމަށް ލިޔެފައެއް ނެތް،"ނާޒިމް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ސިފައިން ބަޣާވާތެއް ކުރި ކަމަށް ނަޝީދު ވާހަކަފުޅު ދައްކަވަނީ ސިފައިންގެ މުއައްސަސާގެ އަގުވައްޓާލައި ސިފައިންގެ އަޒުމު ބަލިކޮށްލަން ކަމަށްވާ ނަމަ އެފަދަ ކަމެއް ކުރެއްވުމަށް އެއްވެސް ފަރާތަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ސިފައިންނާ މެދު ފިޔަވަޅު އެޅުމަށް ރިޕޯޓުގައި ރިކޮމެންޑޭޝަންތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ކޯނީގެ ރިޕޯޓުގައި އެފަދަ ފިޔަވަޅެއް އެޅުމަށް އެފަދަ އެއްވެސް ބަހެއްލިޔެފައި ނުވާ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު ގަބޫލު ކުރަނީ އެއްވެސް މީހަކަށް ސިފައިންނާ ދިމާލަށް ބާޣީންނޭ ގޮވައި އެކަހަލަ އަމަލެއް ނުހިންގޭނެ ކަމަށް. އަޅުގަނޑު މިފުރުސަތުގައި ދަންނަވަން ސިފައިންނަށް މިފަދަ މޭރުމުން މުހާތަބުނުކުރުމަށް. އެހެންކަމުން ކުރިއަށް އޮތްތާގައި އަޅުގަނޑާ ދިމާލަށް ބާޣީއޭ ގޮވައި އަޅުގަނޑަކީ ބާޣީއޭ ގޮވާ ކޮންމެ މީހެއްގެ މައްސަލަ ޝަރީއަތަށް ހުށައަޅާނަން. އަދި ހަމަ އެހެންމެ ސިފައިންގެ މީހަކާ ދިމާލަށް ބަޣީއޭ ގޮވައިފި ނަމަ އެ މައްސަލަ ވެސް ޝަރީއަތަށް ހުށައަޅާނަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ސިފައިން ބަޣާވާތް ކުރިކަމަށް އަދި ސިފައިންގެ މީހަކު ކުށެއް ކުރިކަމަށް ރިޕޯޓުގައި ލިޔެފައި ނެތުމުގެ ސަބަބަން ކޯނީގެ ރިޕޯޓާ ގުޅޭ ގޮތުން އެއްވެސް މީހަކާ މެދު ފިޔަވަޅެއް ނާޅާނެ ކަމަށެވެ. ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓުގައި ފެބުރުއަރީ 6،7 އަދި 8 ވަނަ ދުވަހު ސިފައިން އަމަލު ކުރި ގޮތުގެ ރިކޮމެންޑޭޝަން އެއް އޮތް ނަމަވެސް އެކަމާ ގުޅޭ ގޮތުން އަޅާނެ ވަކި ފިޔަވަޅަކާ މެދު މަޝްވަރާ ނުކުރާ ކަމަށާއި އެކަމުގައި ބަންޑާރަ ނައިބުގެ ލަފާ ހޯއްދާވާނެ ކަމަށެވެ.
ނާޒިމު ވިދާޅުވީ ސިފައިންނާ ދިމާލަށް ފުރައްސާރަކޮށް ސިފައިންގެ މުއައްސަސާ ހަލާކުކޮށްލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވައި ރާއްޖޭގެ ރައްޔިތުން އަމާން އައްސޭރިއަކަށް ގެންދަވާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށެވެ.
"އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން އަޅުގަނޑުމެންނާ ދިމާލަށް ފުރައްސާރަ ކުރުމަކަށް މި އިންސްޓިޓިއުޝަން ހަލާކު ކޮށްލުމަކަށް. އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތު ކަމާ އެކު ރާއްޖޭގެ ރައްޔިތުން އަމާން އައްސޭރިއަކަށް ގެންދާ ނަން. ހަމަ އެންމެ ފަރުދެއްގެ ވިސްނުމުގައި ކަންކަން ކުރެވޭ ގޮތެއް ރާއްޖެއަކު ނޯންނާނެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ނާޒިމު ވިދާޅުވި އެވެ.