01 Sep 2012, 15:55
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު ވަހީދު އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ ކޮމިޝަން (ކޯނި)ގެ ކޯ ޗެއާ، ސިންގަޕޫރުގެ ރިޓާޔާޑް ފަނޑިޔާރު ޖަސްޓިސް ޖީޕީ ސެލްވަމް އާއި މަސައްކަތްތައް އޮބްޒާވްކުރުމަށް ވަޑައިގެންނެވި ދެ ބޭފުޅުން ފުރާވަޑައިގެންފި އެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކޮމިޝަންގެ މަސައްކަތް ނިމުމާ ގުޅިގެން އެ ބޭފުޅުން ފުރާވަޑައިގެންފައިވާ ކަމަށެވެ. އެ ތިން ބޭފުޅުންގެ ތެރެއިން ނިއުޒުލޭންޑްގެ އޮބްޒާވަރާއި ސެލްވަމް ފުރާވަޑައިގެންނެވީ ކޯނީގެ ރިޕޯޓަށް ފަހު އެ ދުވަހު މެންދުރު ފަހު ސިންގަޕޯ އެއާލައިންސުންނެވެ. އަދި ކެނެޑާގެ އޮބްޒާވަރު ފުރާވަޑައިގެންނެވީ 29 އޮގަސްޓް ގަ އެވެ.
ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަންގައި ހިމެނިވަޑައިގެންނެވި ބޭރުގެ ތިން ބޭފުޅުން ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެކޮމިޝަންގެ ތަހުގީގު ރިޕޯޓް އާއްމުކުރުމަށް ފަހު އެވެ.
ކޯނީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށް ކޮމަންވެލްތުން އެކޮމިޝަނަށް ކަނޑައެޅުއްވި ބޭފުޅަކީ ޖުޑީޝަލް އެކްސްޕާޓެއް ކަމަށްވާ ނިއު ޒީލެންޑުގެ ކޯޓް އޮފް އެޕީލްސްގެ ފަނޑިޔާރު ސަ ބްރޫސް ރޮބަޓްސަން އާއި އދ. އިން ކަނޑައެޅި ޕްރޮފެސާ ޖޯން ޕެކާ އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ކޯނީގެ ރިޕޯޓާ ގުޅިގެން ބަޔާނެއް ނެރުއްވައިފަ އެވެ. އެބޭފުޅުންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ މިނިވަންކަމާ އެކު ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.