01 Sep 2012, 15:51
ފޭރުމުގެ މައްސަލައެއްގައި ފުލުސް އޮފީހަށް ހާޒިރު ކުރުމުން ނަން އޮޅުވާލި މީހަކު 1000.ރ އިން ޖޫރިމަނާކޮށްފި އެވެ.
ރަސްމީ ފަރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށް ސާބިތުވެ، މިއަދު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ސ. ހުޅުދޫ، ރައިހާނުގެ، ޝިމްޠާން އަލީގެ މައްޗަށެވެ.
ކުރިމިނަލް ކޯޓުގެ ހުކުމުގައި ބުނަނީ ޝިމްޠާން ނަން އޮޅުވާލާފައި ވަނީ 10 އޮކްޓޯބަރު 2008ގައި ހ. ސޯސަންގޭގައި ހުންނަ ބިދޭސީ މީހުން ނިދާ ބަޔަށް ވަޅި ހިފައިގެން ވަދެ ބިރުދައްކައި ފޭރުމުގެ މައްސަލައިގައި އޭނާ ހާޒިރު ކުރުމުން ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އޭނާ އާ ސުވާލު ކުރުމުން ތިމަންމަނާ އަކީ ސ. ހުޅުދޫ، ބުލްބުލާގެ، އަޙުމަދު އަޒްހީން ކަމަށް ބުނެފައިވާ ކަމަށާއި އަދި އޭނާ އެކަމަށް ކޯޓުގައި އިއުތިރާފްވެފައިވާ ކަމަށް އެ ހުކުމްގައި ބުނެފައިވެ އެވެ.
"ދޮގުމަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތުގެ މަޖިލިހުގައި ޝިމްޠާން ޢަލީ އިޢުތިރާފުވެފައި ވާތީ ސ.ހުޅުދޫ / ރައިހާނުގެ ޝިމްޠާން ޢަލީ -/1000ރ. (އެއްހާސް ރުފިޔާ) އިން ޖޫރިމަނާކޮށްފަ އެވެ."