01 Sep 2012, 15:48
ފުލުހުންނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ޚަބަރާއި މަޢުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ރާއްޖެ ޓީވީ އާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަނަށް ފުލުހުން އަނެއްކާ ވެސް ހުށައަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް މިއަދު ވިދާޅުވީ ފުލުހުން އަނެއްކާ ވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް އެ މައްސަލަ ހުށައަޅަފައި ވަނީ ރާއްޖެ ޓިވީން ފުލުހުނާ ބެހޭ ގޮތުން ދޮގު މައުލޫމާތް ފަތުރާފައި ވާތީ ކަމަށާއި އަދި ވޭތުވެ ދިޔަ މަހުގެ 29 ވަނަ ދުވަހުރޭ މާލޭގައި ކުރަމުން ދިޔަ މުޒާހަރާއެއްގެ ލައިވްކޮށް ކަވަރުކުރުމުގައި އެ ސުޓޭޝަންގެ ނޫސްވެރިއެއް ކަމަށްވާ އިބްރާހީމް ވަހީދު (އަސްވާޑް) ފުލުހުނާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަ ފަތުރާފައި ވާތީ އެ މައްސަލަ ބަލައިދިނުން އެދި ކަމަށެވެ.
ފުލުހުން މީގެ ކުރިން ވެސް ވަނީ ފުލުހުނާ ބެހޭ ގޮތުން ދޮގު ހަބަރާއި މައުލުމާތް ފަތުރާކަމަށް ބުނެ ރާއްޖެ ޓިވީ އާ މެދު ފިޔަވަޅު އަޅައިދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައަޅައިފަ އެވެ. އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ފުލުހުން ޕެޓްރޯލް ވަގަށް ނެގި ކަމަށް ބުނެ ދޮގު ޚަބަރު ފެތުރި މައްސަލައިގައި ރާއްޖެ ޓީވީ މާފަށް އެދުމަށާއި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާ ޚިލާފު ކަމެއް ތަކުރާރުކޮށްފި ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރާއްޖެ ޓީވީ އަށް ދީފަ އެވެ.
ފުލުހުން ވަނީ ފުލުހުނާ ބެހޭ ގޮތުން ރާއްޖެ ޓިީން ދޮގު މައުލޫމާތް ފަތުރާކަމަށް ބުނެ ރާއްޖެޓިވީ އަށް އެއްބާރުލުން ދިނުންވެސް ހުއްޓަލާފަ އެވެ.