ވިޒިޓް މޯލްޑިވްސްއާއި މަޝްހޫރު ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން ކަނޑު އަޑީގެ ރިކޯޑެއް ހެދުމުގެ ހަރަކާތަކަށް ތައްޔާރުވެއްޖެއެވެ.

އެއީ، ތިން އަތޮޅެއްގައި ކަނޑު އަޑިން ދަތުރުކޮށް، ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހޯދުމަށް ހިންގާ މި އަހަރުގެ 'އެކްރޮސް މޯލްޑިވްސް' ހަރަކާތެވެ.

އަންނަ ހުކުރު ދުވަހު ފަށާ މި ހަރަކާތުގައި 15 ދުވަހުގެ ތެރޭގައި 55 ފަހަރު ފީނާނެ ކަމަށާއި 450 ކިލޯ މީޓަރަށް ވުރެ ދިގު ރާސްތާއެއްގައި ކަނޑު އަޑިން ދަތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ފީނުމުގައި 27 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޝަފްރާޒާ ގުޅިގެން ދެ ރިކޯޑެއް މި ހަރަކާތުގައި ގާއިމުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ، ޑީޕީވީ ބޭނުންކޮށްގެން އެއް ފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުމާއި އެއް މަސްދުވަހުން ޑީޕީވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުމެވެ.

ދެހާސް ބާވިހުގައި ޝަފްރާޒް ވަނީ 50 ގަޑިއިރު ކަނޑުއަޑީގައި ހޭދަކޮށް، ރިކޯޑެއް ހަދާފައެވެ. އެއީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަރަކާތެކެވެ.