ދޯނި ބަންޑުން ޖަހާލުން: ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ދޯނި ބަންޑުން ޖަހާލުން: ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ

މިދިޔަ އާދިއްތަ ދުވަހު ހުޅުމާލެއިން ފުރައިގެން ދަތުރުކުރަނިކޮށް ވާދޫ ކަނޑަށް ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ދެވަނަ މީހާ އަދި ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

'ބަލްމާ ހައެއް' ނަމަކަށް ކިޔާ އެ ބޯޓު ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިއަށް ބަންޑުން ޖަހާލި ކަމުގެ ރިޕޯޓުކުރީ އާދިއްތަ ދުވަހުގެ ހެނދުނު 07:27 ހާއިރެވެ. އޭރު ދޯނީގައި ތިބީ ޖުމުލަ ހަތަރު މީހުންނެވެ.

އޭގެ ތެރެއިން، ދެ މީހަކު އެ ސަރަހައްދުން ދިޔަ ދޯންޏަކަށް ނެގި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ދުވަހު ހޯދަމުން ދިޔައީ ދިވެއްސަކާއި ބިދޭސީއެކެވެ.

ހަމަ އެ ދުވަހު، ދިވެހި މީހާ މަރުވެފައި އޮއްވާ ފެނުނީ، ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިންނެވެ. އެއީ، ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަލީ ހުސައިނެވެ. އޭނާއަކީ ކަނޑުމަތީގައި މުޅި އުމުރު ހޭދަކުރި ތަޖުރިބާކާރު ކެޕްޓަނެކެވެ.

ދޯނި ބަންޑުން ޖަހާލި ހާދިސާގައި މަރުވި އަލީ ހުސައިން ---

މިއަދު 'ސަން'އިން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ، ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

މިހާރު ބެލުނީ ކިހާ ސަރަހައްދެއްތޯ ސުވާލުކުރުމުން ބުނީ، އެ ތަފުސީލު އަދި ނުލިބޭ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރާތާ ހަތަރު ދުވަސް ވާނީ މިއަދަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ކަނޑުމަތީގެ މިފަދަ ހިތާމަވެރި ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އެފަދަ ބައެއް ހާދިސާތަކުގައި ގެއްލުނު މީހުން އަދިވެސް ފެނިފައެއް ނުވެއެވެ.