01 Sep 2012, 14:51
ގދ. ތިނަދޫގައި މީހުން ދިރިއުޅޭ ބޮޑު ސަރަހައްދަކަށް މިއަދު އުދައަރައި ދަތުރުފަތުރުކޮށް އުޅުމަށް އުނދަގޫތަކާ ކުރިމަތިވެެއްޖެ އެވެ.
ތިނަދޫން މިއަދު ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނުން ފެށިގެން އަރަމުން އަންނަ އުދައިގައި ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގެ ގާތްގަނޑަކަށް 300 އެއްހާ ފޫޓަށް އުދަ އަރާފައިވާ ކަމަށާއި ބައެއް ސަރަހައްދުތަކަށް އުދައަރައި ލޮނގަނޑު މަގުމަތީގައި ބޮޑުވެފައި ވާތީ ދުއްވާ އެއްޗެއްސަށް ދަތުރު ފަތުރު ކުރުމަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އޭނާ ބުނީ އުދައަރަމުން ދާތީ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ޓަކައި ކައުންސިލުން މަސައްކަތްތަކެއް ފަށާއިފައިވާ ކަމަށެވެ.
"އުދައަރަމުންދަނީ ރަށުގެ ދެފަރާތުން، މީހުން ދިރިއުޅޭ ގޭގެއަށް. ލޮނނުގަނޑު، އަތިރިމަތީގައި ހުންނަ ޕެޓްރޯލް ސެޑަކަށާއި ރަށު ތެރެއަށް ވަނީ އުދައަރައި ފެންގަނޑު ބޮޑުވެފައި،" ތިރި ތިނަދުއާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
ރަށު ކައުންސިލްގެ މެމްބަރު މުހައްމަދު އިލިޔާސް މިއަދު ވިދާޅުވީ އުދަ ބޮޑަށް އަރަމުން ދަނީ ރަށުގެ އިރުމަތި ފަރާތުން ކަމަށާއި އުދައަރަމުން ދާތީ ރަށު ތެރެއަށް އަރާ އުދަގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށު ކައުންސިލުން ކުރަމުން އަންނަ އިރު އެމްއެންޑީއެފުން ވެސް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި ރަށު ތެރޭގައި އުފެދިފައިވާ ފެންގަނޑު ހިއްކުމަށް މަސައްކަތް ކުރަން ނުފަށާ ކަމަށް ވެސް ކައުންސިލާ ވިދާޅުވި އެވެ.
"އުދައަރަމުން މިދަނީ ރަށުގެ ޖެޓީއާ ދިމާލުން ބޮަޑަށް. އެހެންވެ އެ ސަރަހައްދުގަައި ފަސްޖަހައި ރަށު ތެރެއަށް [އުދަ] އަރާ ވަރު ކުޑަ ކުރަން މިމަސައްކަތް ކުރަނީ. ރަށު ތެރެއަށް ވެސް ވަނީ އުދައަރައިފައި،" އިލިޔާސް ވިދާޅުވި އެވެ.
މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އިދާރާގެ ރިޕޯސްތަކުން އެއްވެސް ސަރަހައްދަކަށް އުދައަރާ ކަން ނުދައްކާ ކަަމަށެވެ. ނަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ބާނިތައް އުޅޭ ކަމަށް ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.