01 Sep 2012, 14:44
ޓްރާންސްފާ ޕީރިއަޑްގެ އެންމެ ފަހު ދުވަހު އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ފަސް ކުޅުންތެރިންގެ ސޮއި ހޯދައިފި އެވެ.
ސިޓީއިން ހޯދި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އިންޓަ މިލާންގެ ބްރެޒިލް ޑިފެންޑަރު މައިކޮންއާއި ބެންފިކާގެ ޖަވީ ގާސިއާއާއި، ފިއޮރެންޓީނާގެ މަޓިޖާ ނަޓާސިޗްއާއި ސްވަންސޭ ސިޓީގެ ސްކޮޓް ސިންކްލެއާގެ އިތުރުން ކުއިންޓެޓް ހިމެނެއެވެ.
ބެންފިކާގެ ޖަވީ ގާސިއާ ހޯދުމަށް 16 މިލިޔަން ޕައުންޑްގެ އަގެއް ސިޓީއިން ހުށަހެޅިކަމަށް ރިޕޯޓްތައް ބުނަމުންދެއެވެ. އުމުރުން 19 އަހަރުގެ ނަޓާސިޗް އެކުލަބާއި ސިޓީގެ މޮންޓެނޭގްރޯ ޑިފެންޑަރު ސްޓެފަން ސަވިޗްވަނީ ވިއްކާލާފަ އެވެ. ނަޓާސިޗްއާއި ބެހޭގޮތުން ވާހަކަދައްކަމުން ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީވަނީ ތަޢުރީފްކޮށްފަ އެވެ. "މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ނަޓާސިޗް ދިގު މުއްދަތެއްގައި ދެމިހުންނާނެ." މަންޗިނީ ބުންޏެވެ.
އުމުރުން 31 އަހަރު ބްރެޒިލް ޑިފެންޑަރު މައިކޮން އިންޓަމިލާން ދޫކޮށް ސިޓީއާއި ގުޅުނީ ތިން މިލިޔަން ޕައުންޑްގެ އަގަކަށެވެ. ބްރެޒިލް ގައުމީ ޓީމަށް 66 މެޗު ކުޅުނު މައިކޮންއަކީ އިންޓަމިލާންގެ ކޯޗެއްގެ ގޮތުގައި މަންޗިނީ މަސައްކަތްކުރިއިރު، އޭނާއާއިއެކު މަސައްކަތްކުރި ކުޅުންތެރިއެކެވެ.
"ސިޓީއަށް ސޮއިކުރެވުނީތީ މިހިރީ ވަރަށް އުފާވެފައި. އިއްތިހާދު ސްޓޭޑިއަމްއަށް ގޮސް ކުލަބުގެ ސަޕޯޓަރުންނާއި ބައްދަލުކުރަން އަހަރެން މިހިރީ ކެތް މަދުވެފައި. އަހަރެންގެ އުންމީދަކީ ސަޕޯޓަރުން އަހަރެންނަށް ބޮޑު ތަރުހީބެއްދީ މިއަހަރުވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް އެހީތެރިވެދިނުން." ސިޓީއާއި ގުޅުމަށްފަހު މައިކޮން ބުންޏެވެ.
އޮލިމްޕިކްސް 2012 ގައި ގްރޭޓް ބްރިޓަން ޓީމުގައި ހިމެނުނު ސިންކްލެއާގެ ސޮއި ސިޓީއިން ހޯދީ ދިގު އިންތިޒާރީތަކަކަށް ފަހުއެވެ. ސްވަންސޭއަށް ސިޓީއިން ފުރަތަމަ ހުށަހެޅި 6.2 މިލިޔަން ޕައުންޑް ހުށަހެޅި ނަމަވެސް ސްވަންސޭއިން އެހުށަހެޅުން ގަބޫލުކޮށްފައެއް ނުވެއެވެ. ނަމަވެސް ފަހުން ސިޓީއިން ހުށަހެޅި އަށް މިލިޔަން ޕައުންޑްގެ އަގު ސްވަންސޭއިންވަނީ ގަބޫލުކޮށްފައެވެ.