މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

މެދުފަންތީގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ކުރިއަރުވަން އެމްއައިޓީޑީސީ އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

އެ ކުންފުނީގެ މަސައްކަތްތައް އެމްއެފްއެމްސީގެ ދަށަށް ބަދަލުކޮށް، ވަޒީރުންގެ މަޖިލީހުން އެމްއައިޓީޑީސީ އުވާލަން ނިންމީ، ސެޕްޓެންބަރު އެކެއް، 2024 ގައެވެ. އެއީ، މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޚަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތަކަށް ގެނައި ބަދަލުގެ ތެރެއިންނެވެ.

ފިނޭންސުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ބޭނުންވާ މީހަކަށް ރިކުއެސްޓު ފޯ ޕްރޮޕޯސަލްއާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހަޅަން އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެ ކަމަށް އަންދާސީ ހިސާބު ހުށަހަޅޭނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 13:30ގައެވެ.