މުސާރަ އާއި އިނާޔަތް ބޮޑުކޮށްދިނުމަށް އެދި މެނޭޖްމެންޓަށް ހުށަހެޅި ޕެޓިޝަނާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ މަސައްކަތް ހުއްޓާލުމަށް ފަހު ފެލިވަރުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި އެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފެލިވަރުގެ މުވައްޒަފަކު މިއަދު ބުނީ 250 މުވައްޒަފަކު ސޮއިކޮށް މިއަހަރުގެ މާޗް މަހު ފެލިވަރުގެ މެނޭޖުމަންޓަށް ހުށަހެޅި ޕެޓިޝަނަށް ދެ މަސް ދުވަހުގެ ފަހުން ޖަވާބު ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މުއްދަތު ހަމަވިއިރުވެސް މެނޭޖުމެންޓުން އެކަން ހައްލުކޮށްދީފައި ނުވާތީ މުޒާހަރާ ކުރަން ފެށީ ކަމަށެވެ. މިދިއަ މުއްދަތުގެ ތެރޭގައި މެނޭޖްމަންޓުން އެއްވެސް ވަރަކަށް އެ މައްސަލައިގައި މުވައްޒަފުންނާ މަޝްވަރާ ކޮށްފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މުވައްޒަފުންގެ މުޒާހަރާ ސިލްސިލާއެއް ގޮތަށް ކުރިޔަށް ގެންދާނެ ކަމަށާއި އެކިއެކި ޝުއޫރުތައް ހިމެނޭ ބެނާތައް ހިފައިގެން ނުކުމެ މިއަދު ފެށި މުޒާހަރާގައި ގޮވަމުން ދަނީ ޕެޓިޝަންގައި ހުށަހަޅާފައިވާ ކަންތައްތަކަށް އިޖާބަދީ އެކަންތައްތައް ކޮށްދިނުމަށް ކަމަށެވެ.

ފެޅިވަރުގައި މިއަދު ހެދުނުން ފެށިގެން ކުރިއަށްދާ މުޒާހަރާގައި 150 ވުރެ ގިނަ މުވައްޒަފުން ބައިވެރިވާ ކަމަށް ވެއެވެ.

ފެލިވަރު ބޯޑުގެ ޗެއާމަން، އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު، މުހައްމަދު އިމްތިޔާޒް (އިންތި) މިއަދު ވިދާޅުވީ، މިއަދު ފެލިވަރުގެ މުވައްޒަފުން ކޮޅެއް ނިކުމެ މިއަދު ފެށި މުޒާހަރާއަކީ މުވައްޒަފުންނާއި ބޯޑާއި ދެމެދު އެއްބަސްވުންތަކަށް އައިސްފައިވާ ނެތުމުގެ ސަބަބުން ކުރާ މުޒާހަރާއެއް ކަމަށެވެ.

"މި މުޒާހަރާއަކީ މުޒާހަރާއެއްގެ ސިފާގައި ކުރަމުންއަންނަ މުޒާހަރާއެއް ނޫން. މުޒާހަރާގައި ތިބީ ވަރަށް މަދު މުވައްޒަފުންކޮޅެއް. މިމައްސަލައަކީ އަޅުގަނޑު ފެލިވަރުގެ ބޯޑާ ހަވާލުވިއިރު ވެސް ޖެހިފައިވާ މައްސަލައެއް. އެހެންކަމުން އެބުނާހާ އަވަހަކަށް ކަންކަން އަދި ނުނިންމިގެން މިއުޅެނީ. ދާދިފަހުން އަޅުގަނޑުމެން ވާނީ ބައެއް މުވައްޒަފުންނަށް ފޮރްމޯޝަން ވެސްދީފަ. މިއީ ޒާމާނުއްސުރެ ވެސް ފެލިވަރުގައި ޖެހޭ މައްސަލައެއް. އަޅުގަނޑު މެން މިދަނީ މިކަން ހައްލު ކުރުމަށް ވަރަށް މަސައްކަތް ކުރަމުން" އިންތި ވިދާޅުވި އެވެ.