ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހިފައި ހައްޔަރުކޮށްގެން ގެންގުޅު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ފްރޮސެކިއުޓާ ޖެނަރަލް އޮފީހުން ހުޅުމާލެ ކޯޓަށް ހުށަހެޅި މައްސަލަ އަވަހަށް ބަލައި ދިނުމަށް އެދި ނަޝީދު ފޮނުއްވާފައިވާ ސިޓީއެއް ލިބިފައިނުވާ ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބުނެފި އެވެ.

ނަމަވެސް އިއްޔެ ހަވީރު މޫކައި ހޮޓެލްގައި ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެެ މަނިކުފާނުގެ މައްޗަށް ޕީޖީ އިން ކުރާ ދައުވާ ހުޅުމާލެ ކޯޓަށް ބެލޭނެ ކަމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ މައްސަލަ އަވަހަށް ބަލައި ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ކޯޓަށް އެމަނިކުފާނު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

"އަަޅުގަނޑު ވާނީ އިއްޔެ (ބުރާސްފަތި ދުވަހު) ހުޅުމާލެ ކޯޓަށް ސިޓީއަކުން ދަންނަވާފައި. ހައިކޯޓުން މިހާރު ވަނީ އެ ކޯޓުގައި އަޅުގަނޑުގެ މައްސަލަ ބެލޭނެ ކަމަށް ހުކުމް އިއްވާފައި. ވީމާ އެ މައްސަލަ އަވަހަށް ބާއްވައިދެއްވާށޭ،" ނަޝީދު ވިދާޅުވި އެެވެ.

ހުޅުމާލެ ކޯޓުން މިއަދު ބުނީ ނަޝީދުގެ މައްޗަށް އުފުލާފައިވާ މައްސަލައިގެ ޝަރީއަތް ހުޅުމާލެ ކޯޓުގައި ބޭއްވޭނެ ކަމަށް ހައިކޯޓުން ހުކުމް ކުރި ފަހުން އެ މައްސަލަ ޕީޖީން ވެސް އެ ކޯޓަށް އަލުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ އަވަސްކޮށް ދިނުމަށް ނަޝީދު ފޮނުއްވި ސިޓީއެއް ވެސް ލިބިފައިނުވާ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އުފުލޭ މައްސަލަތައް ކޯޓުގައި ބެލުމަށް އެެދިވަޑައިގެންފައިވާ ކަމަށެވެ.