01 Sep 2012, 12:47
ވިލިމާލޭ ފެރީ ޓާމިލަންގައި އެމްޓީސީން އަޅާ އެންޓަޓެއިމެންޓް ސެންޓަރުގެ މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން ހުރަސް އެޅިކަމަށާާއި އޭގެ ސަބަބުން ކުންފުއްޏަށް ލިބުނު ގެއްލުމުގެ ބަދަލަށް 213 މިލިއަން ރުފިޔާ އެމްޓިސީސީއަށް ދައްކަން އެކުންފުނިން ސިޓީ ކައުންސިލަށް އަންގައިފި އެވެ.
ގެއްލުމުގެ ބަދަލަށް މާލޭ ސިޓީ ކައުންސިލުން 213 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން އެމްޓީސީސީން އަންގާފައިވާއިރު ސިޓީ ކައުންސިލުން ވެސް ވަނީ ވިލިމާލޭ ފެރީ ޓާމިނަލުގެ ކުރިމަތިން އޮންނަ ޕާކިން ޒޯނުން އެމްޓީސީސީއަށް ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި މިދިއަ ޖުލައި މަހުގެ ނިޔަކަށް އެ ކުންފުނިން ދައްކަންޖެހޭ 2،649،839.70 މިލިޔަން ރުފިޔާ ހަތް ދުވަހުގެ ތެރޭ ދައްކަން އަންގާފައެވެ. ނަމަވެސް އެމްޓިސީސީން ބުނެފައިވަނީ އެއީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށެވެ.
އެމްޓީސީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބްދުﷲ މިއަދު ވިދާޅުވީ ގެއްލުމުގެ ބަދަލަށްވާ ފައިސާ ދައްކަން އެދި މިދިޔަ މަހު 13 ވަނަ ދުވަހު މާލޭސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި މިހާތަނަށް އެސިޓީއަށް ކައުންސިލުން ޖަވާބެއް ދީފައި ނުވާއިރު ފައިސާވެސް ދައްކާފައި ނުވާ ކަމަށެވެ. ސިޓީ ކައުންސިލުން އެ ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދަން ޝަރީއަތަށް ދާނެ ކަމަށް ވެސް ޑރ. އަދުހަމް ވިދާޅުވި އެވެ.
"މާލޭ ސިޓި ކައުންސިލްގެ ދެ މެންބަރަކު މީޑިއާގައި ދައްކަފައިވާ ވާހަކަތަކުގެ ސަބަބުން އަޅުގަނޑުމެނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވޭ، އެގޮތުން އެ ޕްރޮޖެކްޓް ވަނީ ހުއްޓިފައި. އެހެންކަމުން އަޅުގަނޑުމެން އެންގީ ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް،" އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭ ސިޓި ކައުންސިލުން އެ ޕްރޮޖެކްޓަށް ހުރަސްއެޅުމުގެ ސަބަބުން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަކުން އެޕްރޮޖެކްޓަށް އިންވެސްޓް ނުކުރުމަށް ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން އެކުންފުއްޏަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް އަލުން ފެށުމަށް ޓަކައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޓީސީސީގެ ސިޓީގައި ބުނާ ފައިސާ ދެއްކުމުގެ މުއްދަތު މިމަހު 13 ވަނަދުވަހަށް ހަމަވާއިރު ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އެމްޓީސީސީން ބުނާ އެ ފައިސާ ދައްކަން ޖެހެނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށައި އެއީ ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި އެފައިސާ ހޯދަން ޝަރީއަތަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސުޖާ ވިދާޅުވީ މައްސަލައާ ގުޅިގެން ސިޓީ ކައުންސިލާއި އެމްޓީސީސީން މަޝްވަރާކުރަން ނިންމާފައިވާ ކަމަށާއި ނަމަވެސް "ކަންނެލި ދޯނީގައި މާލޭގެ ރައްޔިތުން އުފުލާހާ ހިނދެއްގައި" އެކަމަށް އެއްބާރުލުން ނުދެވޭނެ ކަމަށެވެ. ކަންނެލި ދޯނިތައް ކަމަށް ސުޖާ ވިދާޅުވެފައި ވަނީ އެމްޓީސީސީން ހުޅުމާލެ އާއި ވިލިމާލެއާ ދެމެދު ދަތުރު ކުރުމަށް ބޭނުން ކުރާ ފެރީތަކަށެވެ.
އެމްޓިސީސީން އަޅާ ފެމިލީ އެންޓަޓައިމެންޓް ސެންޓަރުގެ މަސައްކަތަށް އިއުލާން ކުރިފަހުން މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީ އާއި ދެމެދު ވަނީ ބޮޑެތި ހިޔާލާ ތަފާތުވުންތަކެއް އުފެދިފަ އެވެ. ކައުންސިލުން ބުނަމުން ދަނީ ފެރީގެ ހިދުމަތް ރަނގަޅު ނުކުރާ ހިނދަކު އެ ސެންޓަރު އަޅަން އެއްބާރުލުން ނުދޭނެ ކަމަށެވެ. އެމްޓިސީސީން ބުނަނީ އެ ސެންޓަރު އެޅުމަށް ހަމަޖެއްސީ ފެރީގެ ހިދުމަތްތަކާއި އެހެން ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފައިސާ ހޯދަން ކަމަށެވެ.
އެމްޓީސީސީން އަޅަން ހަމަޖައްސާފައިވާ އެންޓައިޓެއިމެންޓް ސެންޓަރަކީ ގިނަ ހިދުމަތްތަކެއް ލިބޭގޮތަށް އަޅާ ތަނެކެވެ. އެގޮތުން އެތަނުގައި ތިން ސިނަމާއާ ފުޑް ކޯޓެއްގެ އިތުރުން ބްޓިކްސް ޝޮޕަކާއި ސުޕަމާކެޓެއް ހުރެ އެވެ. އެމްޓީސީސީން މިހާރު ވަނީ އެތަނަށް އިންވެސްޓު ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ. އެގޮތުން އެކަމަށް 10 ފަރާތަކުން ވަނީ މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.