ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭރު ދުނިޔޭގައި ހޯއްދަވާ ކޮންމެ ކާމިޔާބަކީ ރާއްޖެ އަށް ލިބޭ ރީއްޗަކާއި ޝަރަފެކެވެ. އޭގައި ރައީސް މައުމޫނެކޭ ރައީސް ނަޝީދެކޭ އޮތް ތަފާތެއް ނެތެވެ. ރައީސް މައުމޫނަށް 30 އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ދުނިޔޭގައި ލިބިފައި ނެތް ތިމާވެށީގެ އެތައް އެވޯޑަކާއި ޝަރަފެއް ރައީސް ނަޝީދު ދެ އަހަރު ތެރޭގައި ވަނީ ހޯއްދަވައިފަ އެވެ. އެއީ ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ރައީސް ނަޝީދަށް މަރުހަބާ އެވެ.


ނަމަވެސް އަޅުގަނޑަށް ގަބޫލުކުރަން ދަތި ދެތިން ނުކުތާއެއްވެ އެވެ. އެއް ނުކުތާއަކީ ބޭރުގެ ފިލްމް ކުރޫއެއް ގެނެސް، ކޯޕަންހޭގަން ސަމިޓާ ދިމާކޮށް، ރާއްޖޭގެ މަންޒަރުތަކެއް ބޭރުގައި ދެއްކުމާއި ވަޒީރުން ބޭއްވި ކަނޑުއަޑީގެ ކެބިނެޓް މީޓިން ފިޔަވައި ރާއްޖޭގެ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ރައީސް ނަޝީދުގެ ދެ އަހަރު ނުވާ ސަރުކާރުން ކުރެއްވި މާބޮޑު ކަމެއް އަޅުގަނޑަކަށް ނުފުނެ އެވެ. ރައީސް މައުމޫނު ނަމަ، ތިމާވެއްޓަށް ކުރެއްވި ގިނަ ހިދުމަތްތަކެއް ފެންނަން އެބަ ހުއްޓެވެ. މިސާލެއްގެ ގޮތުން ބުނާ ނަމަ މިލިއަން ގަހުގެ ޕްރޮގްރާމަކީ މިދެންނެވި ބަހުގެ އަލި ގަދަ އަދި ވަރަށްގާތުން ފެންނަން ހުރި ދިރި ހުރި މިސާލެކެވެ. ރުއްގަސް ނުކެނޑުމަށާއި ކަނޑާ ގަހަކަށް ދެ ގަސް އިންދުމަށް ރައީސް މައުމޫނު ބާރުއެޅުއްވި އެވެ. ހުޅުމާލެ ފެހި ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގެވި އެވެ. ރާއްޖޭގެ ރަށްތަކުގެ ތިރިކަމުގެ ވާހަކަ އާއި މި ތިރި ރަށްތައް ދިރިދެމި އޮތުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެނެސްދެއްވީ ރައީސް މައުމޫނެވެ. އެ ނޫނަސް އެތައް ބައިވަރު، އެ ޒާތުގެ މަސައްކަތްތަކެއް އެ މަނިކުފާނު ކުރެއްވި އެވެ. އެއާ ހިލާފަށް މި ސަރުކާރު ވެރިކަމަށް އައިސް، ރާއްޖެ 10 އަހަރުގެ ތެރޭގައި ކާބަން ނިއުޓުރަލް ގައުމަކަށް ހައްދަވާނެ ކަމަށް އިއުލާނު ކުރެއްވުމާ އެކު ފެނުނީ، އެގްރިކަލްޗާ މިނިސްޓްރީގެ ހުއްދައާ އެކު ބ. އަތޮޅުގެ ފަޅުރަށެއްގައި ހުރި ބިޔަ ގަސްތައް ކަނޑައި ބިމާ ހަމަކުރިތަނެވެ. ތޮއްޑޫ ފަދަ ބޮޑެތި ރަށްރަށުގެ މަގުތައް މަތީގައި އިންދާފައި ހުރި ބޮޑެތި ބިޔަ ގަސްތައް ވެސް ކަނޑައިލި އެވެ. އެ ހުރިހާ ކަމެއް ހިނގާ ދިޔަ އިރު ރައީސް ނަޝީދު ޗުއްޕު ވެސް ވިދާޅެއް ނުވެ އެވެ. އެކަމަކު އެވޯޑްތައް ރައީސް ނަޝީދަށެވެ. ހައިރާން ވަނީ އެހެންވެ އެވެ.


ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބައެއް މީޑިއަމްތަކުގެ ދައުރާ ދޭތެރޭ ވެސް ބައެއް ފަހަރު ސުވާލުއުފެދެ އެވެ. އަޅުގަނޑަށް ވެސް އެންމެ މަގުބޫލު ނޫހަކީ އެމެރިކާގެ ނިޔޯކް ޓައިމްސް އެވެ. އެކަމަކު އެ ނޫހުގެ ރިޕޯޓަރަކު ދާދިފަހުން ރައީސް މައުމޫން 400 މިލިއަން ޑޮލަރު ލޫޓުވާލި ކަމަށް ލިއެފައިވާ ވަރުގެ ޒިންމާދާރުކަމެއް ނެތް ރިޕޯޓެއް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑުގެ ނުކުތާއަކީ ރައީސް މައުމޫނާ ބެހޭ ގޮތުން 400 މިލިއަން ޑޮލަރުގެ ވާހަކަ ލިއުމެއް ނޫނެވެ. އަޅުގަނޑަށް މައްސަލަ އަކަށްވީ އެ ރިޕޯޓްގައި މައުމޫން ލޫޓްވާލި ކަމަށް އެ ބުނާ 400 މިލިއަން ޑޮލަރު ލޫޓްވާލި ގޮތުގެ ސާބިތު ހެކި ގެނެސްދީފައިނުވުމެވެ؛ މީހެއްގެ ބޮލުގައި އެވަރުގެ ބޮޑު އިލްޒާމެއް އަޅުވާއިރު، އެކަމުގެ ހެކި ގެނެސްދޭން ޖެހޭނެ އެވެ. ޒިންމާދާރުކަމެއް ނެތީ އެހެންވެ އެވެ. މިތަނުގައި މި ވާހަކަ މި ގޮތަށް ނަގުލުކުރީ އަޅުގަނޑުމެން ޒިންމާދާރުކަމަށް ގަބޫލުކުރާ ބައެއް މީޑިއަމްތަކުން ބައެއް ފަހަރު ކުރާ ކަންކަމުގައި ޒިންމާދާރު ކަމެއް ނެތްވަރު ބުނެދިނުމަށެވެ. އެ އުސޫލުގައި ހުޅަނގުގެ ހަންފެތުރުމަށް ޓައިމެއް ނިއުސްވީކެއް ވަކި ތަފާތުވާނެ ކަމަކަށް އަޅުގަނޑު ނުދެކެމެ.


އަޅުގަނޑު ކުރިން ބުނި ހެން ރާއްޖެ އަށް ލިބޭ، އަދި ރާއްޖޭގެ ރައީސް ހޯއްދަވާ ކޮންމެ ކާމިޔާބީ އަކީ ދިވެހިންނަށް ލިބޭ ކާމިޔާބަކާއި ޝަރަފެކެވެ. ނަމަވެސް އަޅުގަނޑު ކަންތައް ބޮޑުވަނީ އެންމެ ސަބަބަކާހުރެ އެވެ. އެއީ އެއިން ކަމެއްގެ މުގާބިލުގައި ގުންޓަނާމޯ ބޭ ޖަލު ފަދަ ތަންތަނުގައި ތިބޭ ބޮޑެތި ޓެރަރިސްޓުން ރާއްޖޭގެ ޖަލުތަކަށް ބަދަލުކުރަން ޖެހޭ ފަދަ މަޖުބޫރު ކަމެއް އޮވެދާނެތީ އެވެ. އެއީ ހަގީގަތުގައި ވެސް އަޅުގަނޑު ކަންތައް ބޮޑުވާ ކަމެކެވެ. އަދި ހަމަ އެހެންމެ، ދީނީ މިނިވަންކަން ރާއްޖޭގައި ނެތް ކަމަށް ބުނެ، ބޭރުގެ ފަރާތްތަކުން ކުރާ ޕުރެޝަރުތަކަށް ޖާގައެއް ދެވިދާނެތީ ވެސް އަޅުގަނޑު ކަންތައް ބޮޑުވެ އެވެ. [ބޭރުގެ ބައެއް ޑިޕޮލޮމޭޓުން އަޅުގަނޑުމެންގެ ކައިރީ ދައްކާ ވާހަކަ އަޅުގަނޑުމެންނަށް ވެސް އަޑުއިވެ އެވެ.] ޒާކިރު ނައިކު ވަޑައިގެން ސްޓޭޑިއަމް ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ދިވެއްސަކު އޭނާ އިސްލާމް ދީން ގަބޫލު ނުކުރާ ކަމަށް ބުނި ބުނުމަކީ  ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެއް އަޅުގަނޑު ނުނަގަމެވެ. އޭގެ ފަހަތުގައި އަޅުގަނޑުމެންނަށް ފަހުމު ނުވާ ވަރަށް ގިނަ ކަންތައް ހުންނާނެ ކަމަށް ހަމަ ޔަގީނުން ވެސް އަޅުގަނޑު ގަބޫލުކުރަމެވެ.


ދުނިޔޭގައި ޔަހޫދީންގެ ބާރު އަޅުގަނޑުމެންނަކަށް ނޯޅެ އެވެ.


އެ ވާހަކަތައް ބަހައްޓާށެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއްވެ އެވެ. އެއީ، ރާއްޖޭގެ ބަހުން ނަމަ އެދުމެއް ނެތި ވެދުމެއް ނުކުރާނެ އެވެ. އެހެން ބައެއްގެ މިސާލު ބަހެއް ބުނާ ނަމަ، ހިލޭދޭ ލަންޗު އެއީ އޮންނަ އެއްޗެއް ނޫނެވެ.