ޗެލްސީ އަތުން 4-1 ލަނޑުން މޮޅުވެ ޔޫއެފާ ސުޕަ ކަޕްގެ ތަށި އެތުލެޓިކޯ މެޑްރިޑުން ކާމިޔާބު ކޮށްފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑް ނެގީ އެތްލެޓިކޯ އިންނެވެ. އެ ލަނޑު ޗެލްސީ ކޮޅަށް ޖެހީ، ރޭގެ މެޗްގައި ހެޓް ރިކް ހެދި ކޮލަމްބިއާގެ ފޯވާޑް ރަޑެމެލް ފަލްކާއޯ އެވެ.

އުމުރުން 26 އަހަރުގެ ފަލްކާއޯ ރޭ ޗެލްސީ ކޮޅަށް ޖެހި ފުރަތަމަ ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހަ ވަނަ މިނެޓުގައެވެ. އަދި ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން އިރު، ތިން ވަނަ ލަނޑު ޗެލްސީ ކޮޅަށް ފަލްކާއޯ ޖެހީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ތިން ލަނޑުގެ ލީޑަކާއެކު ޗެލްސީގެ މައްޗަށް ކުރިހޯދާފައިވާ އެތްލެޓިކޯއިން ޖެހި އެޓީމްގެ ހަތަރު ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިރަންޑާއެވެ. އަދި ރޭގެ މެޗުގައި އެތްލެޓިކޯ ކޮޅަށް ޗެލްސީއިން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 74 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިންގްލޭންޑުގެ ޑިފެންޑަރު ގެރީ ކޭހިލްއެވެ.

ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމަޓޭއޯ ބުނީ، ފުރަތަމަ ހާފުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި އިދިކޮޅު އެތްލެޓިކޯ އިން ދެ ލަނޑުޖަހާ މެޗުގެ ލީޑް ފުޅާކުރުމުން ޗެލްސީގެ ކުޅުންތެރިންނަށް ޕްރެޝަރުތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެގޮތުން ލިބޭ ފުރުޞަތުގެ ބޭނުން ވެސް އެންމެ އެދެވޭ ގޮތުގައި ކުޅުންތެރިންނަށް ރޭގެ މެޗުގައި ހިފިގެން ގޮސްފައި ނުވާކަމަށެވެ.

"އިދިކޮޅު ޓީމުން ދެގޯލް ޖަހާ މެޗުގެ ލީޑް ނެގުމުން އަހަރުމެން ޕްރެޝަރަށް ވެއްޓުނީ. ޓީމުގެ ކުޅުމާމެދު ހިތް ހަމައެއް ނުޖެހެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އަހަރުމެންގެ ގޭމްވެސް ގެއްލުނު" ކޯޗް ރޮބާޓޯ ބުންޏެވެ.

އެތްލެޓިކޯ މެޑްރިޑުގެ ކޯޗް ޑިއެގޯ ސިމިއޯނީ ބުނީ، ޓީމުގެ ހުރާ ކުޅުންތެރިން ވެސް މަސައްކަތް ކުރީ ޗެލްސީ އަތުން މޮޅުވެ މުބާރާތުގެ ތަށި ކާމިޔާބު ކުރަން ކަމަށާއި އެގޮތުން އެމަސައްކަތް ހުރިހާ ކުޅުންތެރިން ވެސް ކުރިކަމަށެވެ. އަދި ހާއްސަކޮށް ފޯވާޑް ފަލްކާއޯ ރޭ ޗެލްސީ ކޮޅަށް ޖެހި ތިން ގޯލާމެދު ވަރަށްހިތް ހަމަޖެހޭ ކަމަށާއި އޭނާ މެޗުގައި ދެއްކި ކުޅުމާމެދު ވެސް ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ.

"ޗެލްސީ ކަހަލަ މޮޅު ޓީމެއްގެ އަތުން މޮޅުވުމުން އަހަރެން ވަރަށް އުފާވޭ. ދެ ން އިތުރަށް ދައްކާނެ ވާހަކައެއް ނެތް" ޑިއެގޯ ސިމިއޯނީ ބުންޏެވެ.