އެމްބީއޭ ޗެމްޕިއަންޝިޕްގެ ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗް ޕޮލިސް ކްލަބުން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ކުލަބް އީގަލްސްއާ ވާދަކޮށް 82 ޕޮއިންޓް 44 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުން މޮޅުވި ޕޮލިސް ކުލަބަށް 16 ޕޮއިންޓް ކާމިޔާބު ކޮށްދިން މުހައްމަދު ނާއިފް ރުސްދީ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި މިރޭ 9:00 ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ އެލްކިއު ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ.

މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕުގައި އަށް ޓީމު ވާދަކުރާއިރު، ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. އެގޮތުން ގްރޫޕް އެކެއްގެ ފަޅިން ވާދަކުރާ ޓީމް ތަކަކީ ދިވެހި ސިފައިންގެ ކްލަބާއި ރެޑްލައިން ކްލަބާއި އެލްކިއު ސްޕޯޓްސް އަދި އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އެވެ. އަދި ގްރޫޕް ދޭއްގައި ވާދަކުރަނީ ހަރިކޭން ބީސީ އާއި ޓީރެކްސް ބީސީ އާއި ޕޮލިސް ކްލަބް އަދި ކްލަބް އީގަލްސް އެވެ.

ކޮންމެ ގްރޫޕަކުން ވެސް ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭއިރު ފައިނަލް މެޗު އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.