19 Jan 2026, 14:18
ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ ސާވާއަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ޝަރީއަތް ހިންގަން ދަތިވެފައިވާ ކަމަށް ބުނެ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ބަންދުން ދޫކޮށްލަން ނިންމި ނިންމުމެއް ހައިކޯޓުން ބާތިލުކޮށްފިއެވެ.
މިއީ، އުމުރުން އެންމެ އަށް އަހަރުގެ ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ އެ ކުއްޖާގެ އާއިލީ މެންބަރަކު ހައްޔަރުން ދޫކޮށްލި މައްސަލައެވެ. ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭތީ އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި ދައުވާ ލިބޭ ފިރިހެން މީހާގެ މައްޗަށް، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައިވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އެ މީހާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކޮށް ފުރަތަމަ ބަންދަށް ޖެހީ 30 ދުވަހެވެ. އެ މުއްދަތު ހަމަވެގެން، ބަންދު މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އެކަމަކު، އެ މައްސަލައިގެ ޝަރީއަތްތައް ލަސްވާތީއާއި އެ ކޯޓުގެ ސާވާ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ޝަރީއަތް ހިނގުމަށް ދަތިވެފައިވާކަން ފާހަގަކޮށް، އެ މައްސަލަ ހައްލުވަންދެން ބަންދުން ދޫކޮށްލައިދިނުމަށް އޭނާގެ ފަރާތުން އެ މައްސަލަ ބަލަމުންދާ އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން ކޯޓުން ނިންމީ، އޭނާގެ ބަންދަށް ލުއި ދޭށެވެ. ބަންދަށް ލުޔެއްދޭން ނިންމި ނިންމުމުގައި ކޯޓުން ބުނެފައިވަނީ ކޯޓުގެ ވަސީލަތް ނެތުމުގެ ސަބަބުން ޝަރީއަތް ހިންގަން ދަތިވެފައިވާތާ ދެ މަސް ވެފައިވާ ކަމަށާއި އެކަމުގައި އަލިމަގެއް ވެސް ފެންނަން ނެތް ކަމަށެވެ.
އެހެންކަމުން، ކޯޓުގައި ވަސީލަތް ނެތުމާއި މެދުނުކެނޑި ޝަރީއަތް ހިންގޭނެ ހާލަތް ނެތި، މީހެއްގެ ހައްގެއް ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބަޔާންކޮށް އޭނާ މިނިވަން ކުރުމުން، ދައުލަތުން ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާޢި، ފާތިމަތު ފަރުހީޒާ އަދި އަބްދުﷲ ޖަމީލް މޫސާއެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ހުކުމުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ތުހުމަތު އުފުލޭ ހިނދު، އެ މީހަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތްތަކުން ކުރެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާނެ މީހެއްކަމުގައި ބަލައި، އެ މީހަކު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓަން ގާނޫނުން މަގުފަހިކުރާ ކަމަށެވެ.
އެކަން އެ ގޮތަށް ފާހަގަކޮށް، ހައިކޯޓުންވަނީ އެ މީހާ މިނިވަންކުރަން ނެރުނު އަމުރު ބާތިލުކޮށްފައެވެ.