ހުޅުމާލޭ ފަޅުތެރޭ އަޅާފައި އޮތް ސަފާރީއަކުން ހުޅުމާލެއަށް ގިނަ އަދަދެއްގެ ބަނގުރާ ބާލަމުންދިޔަ ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު އަޒުހާން މިއަދު ވިދާޅުވީ ހުޅުމާލޭ ފަޅުތެރޭ އަޅާފައި އޮންނަ ސަފާރީތަކުން ގިނަ އަދަދަކަށް ބަނގުރާ ބަލާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 7:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައި 162 ބަނގުރާ ފުޅިއާ 42 ބިޔަރު ދަޅާއެކު ދިވެއްސަކާ ބަންގުލަދޭޝް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ހަތަރު މީހުންނަކީ ހުޅުމާލޭ ފަޅުތެރޭ އަޅާފައި އޮތް "އެމްފީބިއާ" ކިޔާ ސަފާރީއެއްގައި މަސައްކަތް ކުރާ ބައެކެވެ.

އަދި އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ޑިންގީއެއްގައި ހުޅުމާލެއަށް ތިން ފުޅި ބަނގުރާ ބާލަން އުޅެނިކޮށް ކަމަށް އަޒުހާން ވިދާޅުވި އެވެ.

"ޑިންގީއެއްގައި ދެ މީހަކު ބަނގުރާ ހިފައިގެން ހުޅުމާލެ ތޮށި ގަނޑަށް ކައިރި ކުރި. އަދި އެވަގުތު އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރަން އުޅުނު ވަގުތު ޑިންގީ ކައިރިއަށް ފުރަތަމަ ދިޔަ ޕޮލިސް ކުއްޖާ ޑިންގީ ތެރެއަށް ދަމައިގަނެ ތޮށި ގަނޑާ ދުރަށް ޖައްސާ ދުއްވި،" އަޒުހާން ވިދާޅުވި އެވެ.

އެއްވެސް ދަތުރެއް ނުކުރާތާ ފަސް މަސްވެފައިވާ އެ ސަފާރީގެ ޑިންގީގައި އެ ދެމީހުން ފުލުސްމީހާ
ރަހީނުކޮށްގެން ގެންދިއުމުން، އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު އެހިސާބުގައި އޮތް އެހެން ޑިންގީއެއްގައި އެ ސަފާރީއަށް ގޮސް ޑިންގީގައި ތިބި ދެ މީހުންނާ ސަފާރީގައި ތިބި ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށް އަޒުހާން ވިދާޅުވި އެވެ.

އަޒުހާން ވިދާޅުވީ ބަނގުރަލުގެ މައްސަލައިގެ އިތުރުން ފުލުސްމީހާ ރަހީނުކޮށްގެން ސަފާރީއަށް ގެންދިޔަ މައްސަލަ ވަކިން ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ސަފާރީއަށް ފުލުހުން އަރާ ބަލައި ފާސްކުރިއިރު ހުރީ ސަފާރީތަކުގައި ބަނގުރާ ގެންގުޅުމުގެ އުސޫލާ ޚިލާފަށް ކަމަށެވެ. އަދި އެ ސަފާރީގެ އެކި ތަންތަނުގައި ބަނގުރާ ހުރީ ކޮންމެ މީހަކަށް ވެސް އެފުޅިތައް ބޭނުން ކުރެވޭނެ ގޮތަށް ކަމަށް ވެސް އަޒުހާން ވިދާޅުވި އެވެ.

ފަހަކަށް އައިސް ހުޅުމާލޭ ފަޅުތެރޭ އަޅާފައި އޮންނަ ސަފާރީތަކުން ބަނގުރާ މާލެއާއި ހުޅުމާލެއަށް އެތެރެ ކުރުން ވަނީ އާންމުކަމަކަށް ވެފަ އެވެ. މިދިޔަ ހަފްތާތެރޭ ވަނީ ވެސްޓްޕާކް ރެސްޓޯރެންޓާ ދިމާ މޫދުން ބިޔަރު ދަޅުތަކެއް އޮޔާދަނިކޮށް ވެސް ފެނިފަ އެވެ. ނަމަވެސް އެފަހަރު ފެނުނު 49 ދަޅާބެހޭ މައުލޫމާތެއް އަދި ސާފެއްނުވެ އެވެ.