01 Sep 2012, 10:59
ޗައިނާ އިން ރާއްޖެ އަށް 500 މިލިޔަން ޑޮލަރުގެ ލޯނު އެހީ ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ހަވާލާދީ ރޮއިޓާސް އިން ބުނެފި އެވެ.
ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވި ކަަމަށް އެ އެޖެންސީން ބުނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޗައިނާ އިން 150 މިލިޔަން ޑޮލަރު މިހާރު ދޭނެ ކަމަށާއި ވިޔަފާރިއަށް އަމާޒުކޮށްގެން ޗައިނާ އިން ހިންގަމުން އަންނަ އެގްޒިމް ބޭންކް މެދުވެރިކޮށް 350 މިލިޔަން ޑޮލަރުގެ ލޯނު ދޭނެ ކަމަށެވެ.
ޗައިނާ އިން ދޭ ލޯނާ ބެހޭ ގޮތުން ރައީސް ވަހީދު އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި ނުފޫޒު ފެތުރުމުގައި އިންޑިއާއާ ވާދަކުރަމުން އަންނަ ޗައިނާ އިން ރާއްޖެއާ ގުޅުން ބަދަހިކުރުމަށް ފަހަކަށް އައިސް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ވަރަށް ކުއްލި ގޮތަކަށް މިދިޔަ އަހަރު އެ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވާފައިވާ އިރު ޗައިނާގެ ޑިޕްލޮމޭޓުން ރާއްޖެއަށް ގިނަ ދަތުރުތަކެއް ވެސް ވަނީ ކޮށްފަ އެވެ.
ރައީސް ވަހީދު ޗައިނާ އަށް ވަޑައިގަތީ ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެގައުމުން ދިން ދައުވަތަކަށެވެ. ޗައިނާ ސަރުކާރުގެ ދައުވަތު ރައީސް ވަހީދުއަށް އެރުވީ މިދިޔަ ރޯދަމަހު ރާއްޖެ އައި ޗައިނާގެ މުސްލިމުންގެ ވަފުދެއްގެ އިސް ބޭފުޅުންނެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅަކު ވެސް ހިމެނިވަޑައިގެންނެވި އެ ވަފުދުން ، ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު އިސްލާމިކް މިނިސްޓަރު އައް ޝެއިޚު މުހައްމަދު ޝަހީމު އަލީ ސައީދަށް ވެސް އެރުވި އެވެ.