ވިޖޭގެ ފިލްމު ނެރޭނެ ދުވަހެއް އަންގާރައިގެ ކުރިން ނިންމަން އަމުރުކޮށްފި
ވިޖޭގެ ފިލްމު ނެރޭނެ ދުވަހެއް އަންގާރައިގެ ކުރިން ނިންމަން އަމުރުކޮށްފި

ދެކުނު އިންޑިއާގެ އެކްޓަރު ތަލަޕަތީ ވިޖޭގެ ކެރިއަރުގެ އެންމެ ފަހު ފިލްމު "ޖަނަ ނަޔަގަން" ސިނަމާތަކަށް ގެނެސްދޭނެ ތާރީޚެއް ނިންމުމާ ގުޅޭގޮތުން އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މަދަރާސް ހައި ކޯޓަށް ހުށަހެޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަދަރާސް ހައި ކޯޓަށް މައްސަލަ ހުށަހަޅަން އަމުރުކޮށް އެ މައްސަލަ މި އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން ނިންމުމަށް ވަނީ އަންގާފައެވެ. މި ފިލްމު ރިލީޒްކުރުން ފަސްކުރުމާ ގުޅޭގޮތުން އެ ފިލްމުގެ ޕްރޮޑަކްޝަން ކުންފުނިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނީ މަދަރާސް ހައި ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމުން ލަސްވަމުން ދިއުމާ ގުޅިގެންނެވެ.

މީގެ ކުރިން، ހައިކޯޓުގެ އެއް ފަނޑިޔާރުގެ ބެންޗަކުން ވަނީ އެ ފިލްމު ފާސްކޮށްދިނުމަށާއި، ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ)އިން އެ ފިލްމަށް (U/A 16+) ރޭޓިންގްއެއް ވަގުތުން ދިނުމަށް އަމުރުކޮށްފައެވެ.

ވިޖޭގެ ފިލްމު "ޖަނަ ނަޔަގަން"ގެ މަންޒަރެއްގައި އެ ފިލްމުގެ މުހިއްމު ރޯލްއިން ފެންާނާނެ ބޮލީވުޑް އެކްޓަރު ބޮބީ ޑިއޯލް އަދި ވިޖޭ--ފޮޓޯ/ޕިންކްވިލާ

ނަމަވެސް، ސެންސަރު ބޯޑުން އެ މައްސަލަ އިސްތިއުނާފުކުރުމާ ގުޅިގެން ހައިކޯޓުގެ ޑިވިޜަން ބެންޗަކުން ވަނީ ކުރީގެ އެ އަމުރު ބާތިލުކޮށްފައެވެ. މި ނިންމުމާ ގުޅިގެން ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ހައިކޯޓުގެ ޑިވިޜަން ބެންޗުގެ ނިންމުން ސުޕްރީމް ކޯޓުގައި ގޮންޖަހައި، ފިލްމު ފާސްކުރުމުގެ ހުއްދައަށް އެދި އެ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ފިލްމު "ޖަނަ ނަޔަގަން" ގެނެސްދޭ ކޭވީއެން ކުންފުނިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ވިޖޭގެ ފިލްމުގެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ބުނެފައެވެ. އޭގެ ބަދަލުގައި މަދަރާސް ކޯޓުން މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމުމަށް ފަހު ފިލްމު ރިލީޒްކުރާނެ ތާރީޚެއް ކޭވީއެންއަށް އެންގުމަށް ސުޕްރީމް ކޯޓުން ވަނީ އެދިފައެވެ.

މި މަހުގެ ނުވަވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން ކުރިން އިއުލާނުކުރި ވިޖޭގެ ފިލްމު ކަނޑައެޅި ތާރީޚުގައި ރިލީޒް ނުކުރެވުނީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ)އިން ފިލްމު ރިލީޒްކުރުމުގެ ކުރިން ދޭންޖެހޭ ހުއްދައާ ގުޅޭ ކަންކަން ނިންމުމުގައި ފެއިލްވުމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ވިޖޭ ލީޑް ރޯލް ކުޅެފައިވާ ޕޮލިޓިކަލް އެކްޝަން ތުރިލާ "ޖަނަ ނަޔަގަން"އަކީ އެކްޓަރު ރަސްމީގޮތުން ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދޭނެ ކެރިއަރުގެ އެންމެފަހު ފިލްމެވެ.