18 Jan 2026, 09:03

ބޮލީވުޑްގެ މަގުބޫލު ބަތަލާ ބޫމީ ޕެޑްނެކާރު ލީޑް ރޯލް ކުޅޭ ސައިކޮލޮޖިކަލް ކްރައިމް ތުރިލާ ސީރީސްގެ ޓީޒާއާ އެކު އެ ސީރީސް ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
"ދަލްދަލް"ގެ ނަމުގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދޭ މި ވެބް ސީރީސް އެ ޕްލެޓްފޯމްގައި ޕްރީމިއާކުރަން ފަށާނީ މި މަހުގެ 30 ވަނަ ދުވަހެވެ.
މި ވެބް ސީރީސްއަކީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ވިޝް ދަމީޖާ ލިޔެފއިވާ ވާހަކަ "ބެންދީ ބާޒާރު" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ވެބް ސީރީސްއެކެވެ. މި ވާހަކައިގައި ގެނެސްދީފައިވަނީ ނަފުސާނީ ބަލި ތަހައްމަލުކުރަމުންދީ މީހުންގެ ދިރިއުޅުމުގެ އަނދިރި ސަފުހާތަކެވެ.
އަދި، އެފަދަ މީހުންނަށް ކުރިމަތިވެފައިވާ ނަފުސާނީ ބަލިކަށިކަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުށުގެ ވެށްޓަށް އެފަދަ މީހުން ހުށަހެޅެން މެދުވެރިވާ ސަބަބުތައް މި ވާހަކައިގެ އަލީގައި "ދަލްދަލް" ވެބް ސީރީސްއިން ބެލުންތެރިންނަށް ގެނެސްދޭނެއެވެ.

ބޫމީ ލީޑް ރޯލް ކުޅޭ ވެބް ސީރީސް "ދަލްދަލް"ގެ ޓީޒާ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
އަމިތު ރާޖް ގުޕްތާ ޑައިރެކްޓްކޮށް ސުރޭޝް ތުރިވެނީ އާއި ވިކްރަމް މަލްހޯތްރާ ޕްރޮޑިއުސްކޮށްފައިވާ މި ވެބް ސީރީސްގައި ބަތަލާ ބޫމީ ފެންނާނީ މުމްބާއީގެ ކްރައިމް ބްރާންޗަށް ހުށަހެޅެ މަރުގެ ތަހުގީގުތައް އިސްކޮށް ހިންގުމުގައި ހަރަކާތްތެރިވާ ޑީސީޕީ އޮފިސަރުގެ ރޯލުންނެވެ. ބޫމީގެ އިތުރުން މި ވެބް ސީރީސްއިން ފެންނާނެ އިތުރު ތަރިންގެ ތެރޭ ސަމާރާ ތިޖޯރީ އަދި އަދިތިޔަ ރާވަލް ހިމެނެއެވެ.
މި ވެބް ސީރީސްއާ ގުޅޭގޮތުން ވާހަކަދައްކަމުން އެމެޒޯން ޕްރައިމް ވީޑިއޯގެ ޑައިރެކްޓަ އެންޑް ހެޑް އޮފް އޮރިޖިނަލްސް ނިކިލް މަދޮކް ބުނީ، "ދަލްދަލް"އަކީ އާއްމުކޮށް މި ފެންނަ ސައިކޮލޮޖިކަލް ކްރައިމް ތުރިލާތަކަށް ވުރެ މާނަ ފުން ވާހަކަތަކެއް ބެލުންތެރިންނަށް ގެނެސްދޭނެ ސީރީސްއެއް ކަމަށެވެ.
އާއްމުކޮށް އެފަދަ ސީރީސްތަކުގެ ވާހަކަ ބިނާކޮށްފައިވަނީ ގާތިލުން ހޯދުމަށް ކަމަށާއި ނަމަވެސް "ދަލްދަލް"ގެ ވާހަކަ ބިނާކޮށްފައިވަނީ އެފަދަ ކުށްތައް ކުރާ މީހުން ހޯދުމަށްވުރެ އެ މީހުން އެ ކުށަށް ހުށަހެޅޭ ސަބަބު ހޯދުމަށްފަހު އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
މި ވެބް ސީރީސްއަކީ ނެޓްފްލިކްސްއިން މިދިޔަ އަހަރު ގެނެސްދިން ވެބް ސީރީސް "ދަ ރޯޔަލްސް"އަށް ފަހު ބަތަލާ ބޫމީ ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ވެބް ސީރީސްއެވެ. ބޫމީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ފިލްމު "މެރޭ ހަސްބެންޑް ކީ ބިވީ"އިންނެވެ.