01 Sep 2012, 09:49
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ފަރާތުން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގައި ހިމެނިވަޑައިގެންނެވި އަހުމަދު ސައީދު (ގަހާ ސައީދު) ހުރިހާ ވަގުތެއްގައި ކޮމިޝަންގައި މަސައްކަތް ކުރައްވާފައި ވަނީ މިނިވަންކަމާ އެކު ނޫން ކަމަށް އދ. އާއި ކޮމަންވެލްތުގެ އޮބްޒާވަރުން ވިދާޅުވެއްޖެ އެވެ.
ކޯނީގެ މަސައްކަތްތައް އޮބްޒާވް ކުރެއްވުމުގައި ހަރަކާތްތެރިވެ ވަޑައިގެންފައި ވަނީ ބައިނަލް އަގުވާމީ ޖުޑީޝިއަލް އެޑްވައިޒަރެއް ކަމަށްވައި ބްރޫސް ރޮބާޓްސަން އާއި އިންޓަނޭޝަނަލް ލީގަލް އެޑްވައިޒާ ޕްރޮފެސާ ޖޯންޕެކާ އެވެ.
ކޯނީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން އެކުލަވާލާފައިވާ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ ކޮމިޝަންގެ ފަސް މެންބަރުންގެ ތެރެއިން އެންމެ މެންބަރެއް ފިޔަވައި އެހެން މެންބަރުން މަސައްކަތް ކުރައްވާފައި ވަނީ މިނިވަންކަމާއި އިތުބާރާއި އެކު ކަމަށާއި ނަމަވެސް ގަހާ ސައީދު ބައެއް ވަގުތުތަކުގައި މިނިވަންކަމާއި އިތުބާރާއި އެކު މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ. ގަހާ ސައީދުގެ އިސްތިއުފާއާ ގުޅުވައި ދެ ބޭފުޅުން ބުނެފައި ވަނީ؛ އެކަމަކީ ކޮމިޝަންގެ މަސައްކަތުގެ އިތުބާރު ހިފެހެއްޓުމާ މެދު ވެފައިވާ އެއްބަސްވުމާ ހިލާފުުން އޭނާ ކުރެއްވި ކަމެއް ކަމަށެވެ.
"އެއްވެސް ޖަސްޓިފިކޭޝަނެއްގެ ނެތި އެ ކުރެއްވި ކަމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތާ މެދު މުޖުތަމައުގައި އިތުބާރު ގެއްލި ޝައްކުއުފެދިގެން ދިޔަ އެވެ،" އޮބްޒާވަރުން ވިދާޅުވެފައިވެ އެވެ.
ކޯނީގެ މަސައްކަތް ދިޔައީ ޕްރޮފެޝަނަލްކޮށްކަން ފާހަގަ ކުރަމުން އޮބްޒާވަރުން ވިދާޅުވެފައި ވަނީ ކޮމިޝަންގެ މެންބަރު މަސައްކަތް ކުރައްވާފައިވަނީ ކޮމިޝަނަށް ދީފައިވާ މެންޑޭޓް ފުރިހަމަކުރުމަށް ވަރަށް ފަރުވާތެރިކަމާއިއެކު ކަމަށާއި ކޮމިޝަނަށް އެއްބާރުލުން ދޭން ބޭނުންވި އެންމެންގެ ފަރާތުން މައުލޫމާތު އެއްކޮށް އެ އެއްޗިހި ދިރާސާކޮށްފައިވާ ކަމަށެވެ.
"ކޮމިޝަނަރުން މަސައްކަތް ކުރައްވާފައި ވަނީ ގައުމަށްޓަކައި ވަކިކޮޅަކަށް ނުޖެހި މިނިވަންކަމާ އެކު އެވެ. އަދި ކޮމިޝަންގެ މަސައްކަތަކީ ވަކިކޮޅަކަށް ޖެހިފައިވާ އަދި ކޮމިޝަނަރުން ވެސް ވަކިކޮޅަކަށް ޖެހިގެން މަސައްކަތްކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާ ކުރުމެއް ނެތި ދެއްކޭ ވާހަކަތަކެކެވެ. އަދި ކޮމިޝަންގެ ތެރެއިން ފެނުނީ މިނިވަންކަމާއި ޕްރޮފެޝަނަލިޒަމް އެވެ،" އޮބްޒާވަރުން ވިދާޅުވެފައިވެ އެވެ.
ހިޔާލުފާޅުކުރުމުގެ ނަމުގައި ބައެއް ފަރާތްތަކުން މުޖުތަމައުގައި ހަމަނުޖެހުން ހިންގާ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ރާއްޖޭގައި އާންމުވެފައިވާ ކަމަށް އޮބްޒާވަރުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއީ ޒަމާނީ ޑިމޮކްރަސީއަކަށް ހުރި ބިރެއް ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. ކުށްތަކަށް އަދަބުދިނުމާއި ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު އުފައްދަން ޖެހޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
"މިކަންތައްތަކީ މަޑުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. މިކަންކަމަށް އަވަހަށް ފިޔަވަޅު އަޅަންޖެހެ އެވެ،" އޮބްޒާވަރުން ފާހަގަކޮށްފައިވެ އެވެ.
ސްޓޭޓްމަންޓް ނިންމާލައްވަމުން އޮބްޒާވަރުން ވިދާޅުވެފައި ވަނީ ކޮމިޝަންގެ ހޯދުންތަކާ އެކު ރާއްޖޭގައި އުފެދިފައި ހުރި އެތައް ސުވާލުތަކަކަށް ޖަވާބު ލިބިއްޖެ ކަމަށާއި މިއީ ގައުމައިގެން ކުރިއަށް ގޮސް ކަންތައްތައް ރަނގަޅު ކުރަން އެންމެން ވެސް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
ދެ އޮބްޒާވަރުންގެ ވާހަކައާ ގުޅިގެން ސައީދާ މިއަދު ގުޅުމުން ވިދާޅުވީ މުޅި ކޯނީގެ ރިޕޯޓާ ބެހޭ ގޮތުން އޭނާ ދައްކަވަން ޖެހޭ ވާހަކައެއްވީއާ އޮންނާނީ ދައްކަވާފައިވާ ކަމަށާއި މިވަގުތު އެއްޗެއް ވިދާޅުވުމަށް ބޭނުންފުޅު ނުވާ ކަމަށެވެ.