މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓާ އެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ޔޫއެން ބިލްޑިން ކައިރީ ފުލުހުން ބަހައްޓާފައި ހުރި ސްޓެޓިކް ޕޮއިންޓުން ސައިކަލްތައް މަޑުކުރުވައި ބަލައި ފާސްކުރަމުން ދަނިކޮށް އޭނާ ދުއްވި ސައިކަލް ޗެކްކުރުމުގެ ތެރޭ ކަމަށެވެ. ފުލުހުން ބުނީ އެމީހާގެ ސައިކަލު މަޑުކޮށް ޗެކްކުރަން އުޅުމުން އޭނާ އަތުގައި އޮތް ދަޅެއް އެ ހިސާބުގައި ހުރި ގެއެއްގެ ފުރާޅުމައްޗަށް އެއްލާލުމުންނެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓްގެ ތެރެ އިން އެއްޕެކެޓް ފެނިފައި ވަނީ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި ކުރުމުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ. އަދި އަނެއް 21 ރަބަރު ޕެކެޓް ފެނިފައި ވަނީ އޭނާ އެއްލާލި ދަޅު ނަގައި ބެލި އިރު އެ ދަޅުތެރެއިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރޭ ހަތަރު މީހަކު ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މިދިޔަ ހަފްތާތެރޭ ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.