01 Sep 2010, 11:15
16:15
މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މުނިސިޕަލްޓީގެ ދޮރުމަތީގައި ބަޔަކާ ބައްދަލުކުރައްވަނިކޮށް އެ މަންޒަރު ވީޑިއޯ ކުރި ދި ޓީވީގެ ކެމެރާ އާދަމަ މަނިކު "ޖަހައިގަނެގެން" ގެންދެވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރައްވަން ނިންމާފައިވާ ކަމަށް ދި ޓީވީގެ ސީއީއޯ ޔޫސުފު ނަވާލު މިއަދު ވިދާޅުވެއްޖެ އެވެ.
މުނިސިޕަލްޓީގެ ރައީސްގެ މައްޗަށް ކުރަނީ ޖިނާއީ ދައުވާއެއް ކަމެއް ނުވަތަ މަދަނީ ދައުވާއެއް ކަމެއް ނަވާލު ވިދާޅެއްނުވި އެވެ. އޭނާ ވިދާޅުވީ އެކަން ނިންމަވާނީ އެ ތަނުގެ ލީގަލް ޓީމުން ކަމަށެވެ.
ނަވާލު ވިދާޅުވީ "މި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ދި ޓީވީގެ މެނޭޖްމަންޓުން ނިންމީ ގާނޫނާ ހިލާފަށް އާދަމް މަނިކު ދި ޓީވީގެ މުދަލަކަށް އަރައިގަނެ، ހިންގާފައިވާ މި ދަށު ދަރަޖައިގެ އަމަލުގެ ސަބަބުން ރާއްޖޭގެ މީޑިއާ އަށް ވެސް ވަރަށް ބޮޑު އުނިކަމެއް އައިސްފައިވާތީ" ކަމަށެވެ.
ދި ޓީވީގެ މެނޭޖުމަންޓުން ބުނީ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި "މިފަދަ ނާތަހުޒީބީ އަމަލުތައް ތަކުރާރު ވިޔަ ނުދިނުން ވެސް ހިމެނޭ" ކަމަށެވެ.
ނަވާލު ވިދާޅުވީ މުނިސިޕަލްޓީގެ ރައީސްގެ އެ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުގައި ވެސް އެ ދައުވާ ކުރައްވަން ޖެހޭ ކަމަށެވެ.
"މިއީ ދި ޓީވީ އަށް މިފަދަ ގޮތަކަށް ހަމަލާ ދިން ދެވަނަ ފަހަރު،" މި އަހަރުގެ މާޗް މަހު 15 ވަނަ ދުވަހު ދި ޓީވީގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމަށް އިޝާރަތްކުރައްވައި ނަވާލު ވިދާޅުވި އެވެ.
އިސްލާމިކް ފައުންޑޭޝަނުން މާލޭގައި ބޭއްވި ދަރުސަކާ ބެހޭ ފޮތިގަނޑުތަކެއް މުނިސިޕަލްޓީގެ ރައީސްގެ އެންގެވުމަށް ނަގާ ކަމަށް ބުނެ، އެ ފައުންޑޭޝަނުގެ މީހުން އާދަމް މަނިކާ މުނިސިޕަލްޓީގެ ދޮރުމަތީގައި ބައްދަލުކުރަނިކޮށް، ވީޑިއޯ ކުރި ކެމެރާމަނުގެ ކެމެރާ އާދަމް މަނިކު އަތުލެއްވި އިރު ކެމެރާމަނަށް ކޮންމެ ވެސް ވަރަކަށް އަނިޔާވި ކަމަށް ވެސް ދި ޓީވީ އިން ބުންޏެވެ.
ދި ޓީވީ އިން ބުނީ އެ ހާދިސާ އަށް ފަހު ރާއްޖޭގެ ބައެއް މީޑިއަމްތަކަށް އާދަމް މަނިކު ދެއްވި އިންޓަވިއުތަކުގައި ދި ޓީވީގެ ކެމެރާމަން ވީޑިއޯ ކުރީ މުނިސިޕަލްޓީގެ ސިޑި ދަށުގައި "ބޮނދައި އޮވެ" ކަމަށް ވިދާޅުފައި ވަނީ އިތުރުފުޅުހައްދަވައިގެން ކަމަށެށެވެ.
ދި ޓީވީގެ ދައުވާއާ މެދު ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ދެންނެވުމުން މުނިސިޕަލްޓީގެ ރައީސް މިއަދު ވިދާޅުވީ، "ނޯ ކޮމެންޓް" ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ އަށް ފަހު އޭނާ ވާނީ ދި ޓީވީގެ ކިބައިންނާއި އަދި އެ ކެމެރާމަންގެ ކިބައިން ޕަބްލިކްލީ މާފަށް އެދިވަޑައިގެންފައި ކަމަށެވެ. އަދި މިއަދު ވިދާޅުވީ އެ ދަވަހު އޭނާ އަށް ކަންތައްތައް ކުރެއްވުނު ގޮތް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެއީ "ސަރުކާރުގެ އިސް އޮފިޝަލެއްގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫން" ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން އެ ދުވަހު އޭނާ ވިދާޅުވީ ކުށް ކުރެވެނީ އިންސާނުނަށް ކަމަށާއި ރޯދަ އަށް ހުންނެވުމާ އެކު "ކޮންޓްރޯލުން ނެއްޓީ" ކަމަށެވެ.