01 Sep 2012, 09:21
ސަރަހައްދީ ރޮނގުގެ މައްސަަކަތައް ފަދަ ކަންކަމުގެ ސަބަބުން ޗައިނާ އާއި އެ ގައުމުގެ އަވަށްޓެރިންނާ ދެެމެދު ނުތަނަވަސްކަން އުފެދިފައިވާ އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ގިނަ ގައުމުތަކަކަށް ކުރިމަތިވެފައިވާ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި އެމެރިކާ އިން އެހީތެރިވެދޭނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ރޯދަމް ކްލިންޓަން ވިދާޅުވެއްޖެ އެވެ.
އޭޝިއާ ޕެސިފިކްގެ ޖަޒީރާ ގައުމުތަކުގެ ބައްދަލުވުމުގައި ކްލިންޓަން ވިދާޅުވީ އެސަރަހައްދުގައި ކަނޑުމަގުން ކުރެވޭ ވިޔަފާރީގެ ހަރަކާތްތަކުގެ ރައްކާތެރިކަން ބެލެހެއްޓުމާއި އެސަރަހައްދުގައި ދުނިޔޭގެ ވަކި ބާރެއްގެ ނުފޫޒު ފެތުރުނަ ނުދިނުމަށް ޒަމާނުއް ސުރެ އެމެރިކާއިން ކުރަމުން އައި މަސައްކަތް އެގައުމުން ދޫ ނުކޮށްލާނެ ކަމަށެވެ.
ނަމަވެސް ކްލިންޓަން ވިދާޅުވީ އެމެރިކާ އިން ޗައިނާ އަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށާއި ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް އެގޮތަށް ކަންތައް ކުރުމަށް އެދޭ ކަަމަށެވެ. އަދި ވިދާޅުވީ ސަރަހައްްދުގައި ޗައިނާ އިން ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތަކަށް އަމަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަހަރެމެން ބޭނުން ވަނީ އިންސާފުވެރިކަމާ އެކު ދެފުށް ފެންނަ ގޮތަކަށް ޗައިނާއިން މިސަރަހައްދުގައި އަމަލުކުރުމަށް. ކަނޑުމަތީގެ ސަލާމަތާ ގުޅޭ ކަންކަމުގައި އަހަރެމެން ބޭނުން ވަނީ އެގައުމުން ރަނގަޅު ގޮތަކަށް ކަންތައް ކުރުމަށް، އަހަރެމެން އެދެނީ ޕެސިފިކްގެ މީހުންގެ ދެމެހެއްޓެނިވި ތަރައްގީއަށް އެގައުމުން އެހީވުމަށް،" ކްލިންޓަން ވިދާޅުވި އެވެ.
އެކަމަނާ އަދި ވިދާޅުވީ ކަނޑު ހިމެނޭ ގޮތުން އެސަރަހައްދުގެ އަގުބޮޑު ތިމާވެށި ހިމާޔަތްކޮށް، އިގުތިސާދީ ކަންކަމުގައި ރަނގަޅު ގޮތަކަށް ޗައިނާ އިން އަމަލުކުރުމަށް ވެސް އެމެެރިކާ އެދޭ ކަމަށެވެ.
ކްލިންޓަން މިމޭރުމުން ވާހަކަދައްކަވާފައިވާ އިރު، އޭޝިއާ ޕެސިފިކް ސަރަހައްދުގައި އުފެދިފައިވާ މައްސަލަތަކުން އަމިއްލަ ފައިދާއެއް ނަގަން އެެމެރިކާ އިން މަސައްކަތް ކުރާ ކަމަށް ޗައިނާ އިން ކުރިން ވަނީ ތުހުމަތު ކޮށްފަ އެވެ. އެގައުމުން އަދި ބުނެފައި ވަނީ ޗައިނާއާ އެހެން ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރާނީ ވަކިވަކިން އެގައުމުތަކާ ވާހަކަދައްކައިގެން ކަމަށެވެ. (އެސޯސިއޭޓެޑް ޕްރެސް)