ރާއްޖޭގެ ރައްޔިތުންނަށް ޑިމޮކްރެސީ ހޯދައި ދިނުމަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓައި ނުލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އުސް ފަސްގަނޑުގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ޑިމޮކްރަސީ ހޯދައި ދިނުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އެމްޑީޕީން މަގުމައްޗަށް ނުކުމެ ކުރަންޖެހޭ ހުރިހާކަމެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މިރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޑިމޮކްރެސީ ހޯދައި ދިނުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެކަން. އެރައްޔިތުން މަގުމައްޗަށް ވެސް ނުކުންނާނެ އަދި ދެން ކުރާން ހުރި ހުރިހާ ކަމެއްގައި ޝާމިލްވެ އުޅޭނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށްޓަކައި އެމްޑީޕީން އެނބުރި ވެރިކަމަށް އަންނާނެ ކަމަށާއި އެވެރިކަމުގައި "ފުލެޓް ދޮންބެ ފްލެޓް އަޅައިދޭނެ" ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ ބޯހިޔާ ވަހިކަމުގެ ސިޔާސަތު ތަންފީޒު ކޮށްދޭނެ ކަމަށާއި މާލޭގެ ރައްޔިތުންނަށް ވެސް އެމްޑީޕީގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ހޯދައި ދޭނެ ކަމަށެވެ.

މިރޭގެ ޖަލްސާއަށް ފަހު ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގައި އެޕާޓީ ތަމްސީލުކުރައްވާ ބައެއް މެންބަރުންނާއި އެމްޑީޕީގެ ގިނައަދަދެއްގެ ސަޕޯޓަރުންނާއި އެކު ވަނީ މުޒާހަރާއަށް ނުކުމެފަ އެވެ.