01 Sep 2012, 00:08
ރައީސުލުޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޗައިނާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މި ރޭ ފުރާވަޑައިގެންފި އެވެ.
ރައީސް މިރޭ ފުރާވަޑައިގަތުމުގެ ކުރީގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް ދެއްވި އިންޓައުވިއުގައި ވިދާޅުވީ ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ކަންކަން ހަމަޖެއްސުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ދަތުރުފުޅުގައި ޗައިނާގެ އެގްޒިމް ބޭންކުންދޭ 150 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގަ އާއި ޗައިނާ އިން ދިނުމަށް ހަމަޖެހިފައިވާ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޗައިނާ އިން ދޭ 150 މިލިއަން ޑޮލަރުގެ ލޯން އެހީ އަކީ ކުޑަ އިންޓަރެސްޓަކާ އެކު 20 އަހަރުން ދައުލަތުން ދައްކަން ޖެހޭ ލޯނެއް ކަމަށެވެ. އަދި ޗައިނާ އިންދޭ ހިލޭ އެހީއަކީ ކޮންމެ އަހަރު ވެސް ލިބެމުންދާ އެހީއެއް ކަމަށާއި މި އަހަރު ލިބޭ އެހީ ބޭނުން ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ލ. އަތޮޅު ލިންކްރޯޑް ހެދުމުގެ މަސައްކަތްތައް ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރެވި ރާއްޖެ އަށް އިތުރު އެހީތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޗައިނީސް ޓްވައިރިސްޓުން އަންނަ އަދަދު މިހާރަށް ވުރެ ވެސް އިތުރުކުރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައިީސް ވަހީދު ޗައިނާ އަސް ކުރައްވާ ދެ ވަނަ ދަތުރުފުޅަކީ ހަފްތާ އަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. އެ ދަތުރުފުޅުގައި ބައެއް ވަޒީރުން ވެސް ބައިވެރިވަޑައިގަންނަވަ އެވެ.