31 Aug 2012, 23:38
ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު އެންމެ ނުފޫޒު ބޮޑު ދެ ޕާޓީކަމުގައިވާ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ދިވެރި ރައްޔިތުންގެ ޕާޓީ(ޑީއާރްޕީ) ދެކެ ޖެހިލުންވާ ކަމަށް ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މިރޭ ޑީއާރްޕީ އިން އިމާދުއްދީން ސުކޫލުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ އާއި ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ތަސްމީން ވިދާޅުވީ އެ ދެ ޕާޓީން ވެސް ޑީއާރްޕީއާ ތަކުރާރުކޮށް ހަމަލާދެމުންދާ ކަމަށާއި ސަބަބަކީ އެ ދެ ޕާޓީން ވެސް ޑީއާރްޕީ ދެކެ ޖެހިލުންވުން ކަމަށެވެ.
"އެ ދެ ޕާޓީން ދަނީ އަޅުގަނޑުމެނާ ހަމަލާދެމުން. ޕީޕީއެމް އިން އަޅުގަނޑު މެންނަށް ހަމަލަދޭން ވީމާ ދައްކާ ވާހަކައަކީ ޑީއާރްޕީއަކީ އެމްޑީޕީއާ ބައިވެރިވެގެން ކަންތައްތައް ކުރާ ޕާޓީއެކޭ. އެމްޑީޕީން އަޅުގަނޑުމެނާ ހަމަލަދޭންވީމާ ދައްކާ ވާހަކައަކީ އަޅުގަނޑުމެނަކީ ޕީޕީއެމްއާ ގުޅިގެން އެމީހުން އެދޭ ގޮތަކަށް މަސައްކަތް ކުރާ ޕާޓީ އެކޭ. މިދެ ބައިމީހުން ވެސް ބުނަމުން އެދަނީ އަޅުގަނޑުމެނަކީ މި ދެ ޕާޓީ ނޫން އަނެއް ޕާޓީއާއި ކައިރިވާހަކަ. މިދެކަމަކީ އެއްފަހަރާ ތެދުވާނެ ކަމެއް ނޫން. ހަގީގަތުގައި ޕީޕީއެމް ވެސް އެމްޑީޕީ ވެސް އެ ދައްކަނީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން" ތަސްމީން ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ތަސްމީން ވިދާޅުވީ އެ ޕާޓީއަކީ "ނަޝީދުގެ އެމްޑީޕީ އަށް" އެއްވެސް އިރެއްގައި ތާއީދު ކުރި ޕާޓީއެއް ނޫން ކަމަށާއި އަދި ކުރިއަށްއޮތްތަނުގައި ކުރާނެ ބައެއް ވެސް ނޫން ކަމަށެވެ. ޕީޕީއެމް އުފެދިގެން އައިގޮތުން ވެސް ޑީއާރްޕީއާއި ޕީޕީއެމްއަކީ ހިޔާލުތަފާތު ދެ ޕާޓިކަން ވެސް އެނގޭނެ ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ އެ ދެ ޕާޓިން ޑީއާރްޕީ ދެކެ ޖެހިލުންވާތީ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ ޒައާމަތުގައި މިއަދު ތިއްބެވީ ވެރިކަންކުރުމަށް ފަހު ރައްޔިތުން ބަދަލެއް ބޭނުން ވެގެން ވެރިކަމާ ދުރަށްވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށާއި މިއަދު ވެސް އެ ދެ ޕާޓީގެ ވިސްނުން ހުރީ މާޒީގައި ކަންތައްތައް ވެފައިވާ ގޮތުގެ ޖަޒުބާތުގެ މައްޗަށް ކަމަށެވެ.
"އެ ދެ ޕާޓިއަށް ވެސް އެނގޭ މުސްތަގުބަލް އޮތީ އަޅުގަނޑުމެނާ އެކީގާކަން. ޑީއާރްޕީން ދެކޭގޮތުގައި ރައީސް ނަޝީދަކީ ރާއްޖޭގެ ވެރިކަމަށް އިންތިހާބްކުރުމަށް އެއްއިރެއްގައި ވެސް ރަނގަޅު ބޭފުޅެއްނޫން. ނަޝީދުގެ އެމްޑީޕީން ގެންގުޅޭ ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކަކަށް އަޅުގަނޑުމެނެއް ތާއީދެއް ނުކުރަން. އެމްޑީޕީގައި ބަސް ކިޔަންތިބީ ސިޔާސީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން. ޕީޕީއެމްގައި މިވަގުތު ބަސްވިކެނީ ހަރުކަށި ސިޔާސަތު ގެންގުޅޭ ބޭފުޅުންގެ އެކަނި." ތަސްމީން ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެފަދަ ބޭފުޅުންގެ މަސައްކަތުގެ ސަބަބުން ގައުމުގައި ހަމަނުޖެހުން އުފެދި ކުށްކުރުން އިތުރުވަމުންދާ ކަމަށާއި އެކަންކަމަކީ ޑިއާރްޕީން ގަބޫލްކުރާ ކަމެއް ނޫން ކަމަށާއި ޑީއަރްޕީގެ އަމާޒު ހިފާފައި ވަނީ ކުރިމަގަށް ކަމަށެވެ.